އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ބުޝްގެ މޭގައި ފެން އުފެދިގެން ހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓްކޮށްފި އެވެ.

ބުޝް،92، އަށް ނޭވާލުމަށް އުނދަގޫތަކެއް ވެގެން ފުރަތަމަ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ ހޮނިހިރު ދުވަހު އެވެ. ނަމަވެސް މޭގައި ދަވަ އުފެދިގެން އިތުރު އަދި ހާއްސަ ފަރުވާ ދިނުމަށް އިންޓެންސިވް ކެއާ އަށް ވަނީ ފަހުން ބަދަލުކޮށްފަ އެވެ.

ބުޝްގެ އަނބިކަނބަލުން ބާބަރާ ބުޝް،91، އަށް ކެއްސުމެއްގައި އުނދަގޫތަކެއް ވާތީ އިއްޔެ ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.

"ރައީސް ބުޝްގެ ހާލުކޮޅު ރަނގަޅު، އައިސީޔޫގައި އަރާމުކުރައްވަމުން ގެންދަވަނީ،" ބުޝްގެ ތަރުޖަމާން ނެރުއްވި ބަޔާނަކާ ހަވާލާދީ އޭއެފްޕީ އިން ބުންޏެވެ.

އެމެރިކާގައި އަލަށް އިންތިހާބުވި ޑޮނަލްޑް ޓްރަމްޕް މާދަމާ ހުވާ ކުރެއްވުމުގެ ކުރިން، ރައީސް ބަރަކް އޮބާމާ ދެެއްވި އެންމެ ފަހުގެ ޕްރެސް ކޮންފަރެންސުގައި ވިދާޅުވީ އެމަނިކުފާނު ބުޝްގެ އާއިލާގެ ބޭފުޅުންގެ ހާލު ގާތުން ބައްލަވަމުން އަންނަ ކަމަށާއި އަދި އެމަނިކުފާނާއި މެޝޭލް އޮބާމާގެ ހެޔޮ ދުވާ ރައީސް ބުޝްގެ ދެކަނބަލުންނަށް ފޮނުއްވާ ކަމަށެވެ.

ބުޝް އަކީ އެމެރިކާގެ 41 ވަނަ ރައީސްގެެ ގޮތުން 1989 އިން 1993ގެ ނިޔަލަށް އެމެރިކާގެ ކޮމާންޑާ އިން ޗީފުގެ މަގާމު އަދާ ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ބުޝްއަކީ އެމެރިކާގެ ރައީސް ކަން ކުރައްވައި މިހާރު ދުނިޔޭގައި ތިއްބެވި ހަތަރު ބޭފުޅުންގެ ތެރެއިން އެންމެ ދޮށީ ބޭފުޅާ ވެސްމެ އެވެ. ފަހުގެ ތާރީހުގައި ބުޝް އާންމުންގެ ތެރެއަކުން ނުފެނެ އެވެ. އަދި ފަހުން އުޅުއްވަނީ ފުރޮޅުލީ ގޮނޑީގަ އެވެ.