19 Jan 2017, 09:25
ސޫދާންގެ ފިޤްހް ކައުންސިލްގެ ފަރާތުން ރާއްޖޭގެ ފަތުވާ މަޖިލީހަށް އެއްބާރުލުން ދިނުމަށް ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސޫދާންގެ ފިޤްހް ކައުންސިލްގެ ވަފުދުން އިއްޔެ ވަނީ، މިނިސްޓަރު ޑރ. ޒިޔާދު ބާގިރު އާ ބައްދަލު ކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމުގައި އެ ކައުންސިލްގެ ފަރާތުން ރާއްޖޭގެ ފަތުވާ މަޖިލީހަށް ފަންނީ ލަފަޔާއި އިރުޝާދު ދެއްވާނެ ކަމުގެ ޔަގީންކަން ދީފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ސޫދާނުން ރާއްޖެ ވަޑައިގެން އުޅުއްވާ ވަފުދުގައި ސޫދާން ފިޤްހް ކައުންސިލްގެ ޗެއާމަން ޕްރޮފެސަރު އިސާމް އަޙްމަދު އަލް-ބަޝީރާއި އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އާދަމް އިބްރާހީމް އަލް-ޝެއިން ދަވެލްބިތާއި އެ ކައުންސިލްގެ މެންބަރު އިބްރާހީމް މުޙައްމަދު ބައިވެރިވެވަޑައިގަންނަވައެވެ.
އެ ކައުންސިލުން ބުނީ އެބޭފުޅުން ރާއްޖޭގެ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިސް ހަރުދަނާ ކުރުމަށް ތަޖުރިބާއާއި މަޝްވަރާ ހިއްސާ ކުރައްވައި، ޒަމާނީ ފިޤްހީ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެވަފުދުގެ ބޭފުޅުން ރާއްޖޭގެ އެކިއެކި އިސްފަރާތްތަކާ ބައްދަލުކުރެއްވުމަށް ވަނީ ނިންމާފައެވެ. އެވަފުދު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.