19 Jan 2017, 08:54
އިނގިރޭސި ތިންވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ޕްލައިމައުތު އާގައިލް އަތުން ހަނިތަފާތަކުން މޮޅުވެ، އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުން ލިވަޕޫލް ޖާގަ ހޯދައިފިއެވެ.
އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ކުޅުނު ފުރަތަމަ މެޗުން ޕްލައިމައުތު އަތުން އެއްވަރުވުމުން އިއްޔެ ރަށުން ބޭރުގައި ކުޅުނު ރީޕްލޭ މެޗުން ލިވަޕޫލް މޮޅުވީ 1-0 ލަނޑުންނެވެ.
ލިވަޕޫލުން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު މެޗުގެ 18 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑުޖަހައި ލީޑު ހޯދައިފައެވެ. ފިލިޕް ކޫޓީނިއޯ ނަގައިދިން ކޯނަރަކުން ލިވަޕޫލްއަށް އެލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު ލޫކަސް ލޭވާއެވެ.

އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ލިވަޕޫލްއާއި ޕްލައިމައުތު ބައްދަލުކުރި މެޗުގެ ތެރެއިން: އެމެޗުން ލިވަޕޫލް މޮޅުވީ 1-0 ލަނޑުގެ ނަތީޖާއަކުން ---
މެޗުގެ ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައި ވެސް ލިވަޕޫލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 71 ވަނަ މިނެޓުގައި ލިވަޕޫލަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ރީތި ކުޅުމަކަށްފަހު ޑެނިއެލް ސްޓަރިޖްއަށް ލިބުނު ބޯޅައިން އޭނާ އުފެއްދި ހަމަލާ، ޕްލައިމައުތުގެ ކީޕަރު ލޫކް މެކްކޯމިތު ވަނީ މަތަކޮށްފައެވެ.
މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް، ޕްލައިމައުތުގެ ޕެނަލްޓީ އޭރިޔާ ތެރެއިން އަލްބާޓޯ މޮރޭނޯއަށް ޔެން ސޮންގޫ ކުރި ފައުލަކާ ގުޅިގެން ލިވަޕޫލަށް ޕެނަލްޓީއެއް ލިބިގެންދިޔައެވެ. ލިވަޕޫލްގެ ބެލްޖިއަމް ފޯވަޑް ޑިވޯކް އޮރިގީ ފޮނުވާލި ޕެނަލްޓީ، ޕްލައިމައުތުގެ ކީޕަރު މެކްކޯމިތު ވަނީ މަތަކޮށްފައެވެ.
އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި މިމަހުގެ 28 ވަނަ ދުވަހު ލިވަޕޫލް ނުކުންނަން ޖެހޭނީ ދެވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ވޮލްވާހެމްޓަން ވެންޑަރާސްއާ ދެކޮޅަށެވެ. އެމެޗު ކުޅުމަށް ހަމަޖެހިފައިވަނީ ލިވަޕޫލްގެ ދަނޑުގައެވެ.
ރީޕްލޭ ތިންވަނަ ބުރުގެ މެޗުތަކުން އިއްޔެ މޮޅުވެ، ނިއުކާސަލް ޔުނައިޓެޑާއި ސައުތުހެމްޓަން ވެސް ވަނީ ހަތަރުވަނަ ބުރުގެ ޖާގައެއް ހޯދައިފައެވެ. ބާމިންގްހަމް ސިޓީ އަތުން 3-1 ލަނޑުން ނިއުކާސަލް މޮޅުވިއިރު، ސައުތުހެމްޓަން ވަނީ 1-0 ލަނޑުން ނޯވިޗް ސިޓީ ބަލިކޮށްފައެވެ.