23 Jun 2011, 12:45
މުޖްތަމައަށް ނުރައްކާތެރި މީހެއްގެ ގޮތުގައި ފުލުހުން ހާމަކޮށްފައިވާ ގ. ކޯޒީ، އިބްރާހިމް ޝަހުމް އާދަމް، ހޮޓަލެއްގެ ތެރޭގައި ލަކުޑި ބުރިއަކުން މީހަކަށް ހަމަލާދިން ކަމުގެ ކުށް ސާބިތުވެގެން އެއް އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މީހަކު މަރާލެވިދާނެ ފަދަ އެއްޗަކުން މާރާމާރީ ހިންގި ކަމުގެ ދައުވާ ދައުލަތުން އުފުލި ޝަހުމްގެ މައްޗަށް ކުށް ސާބިތުވެފައި ވަނީ ދެ މީހަކު ޝަރީއަތަށް ދީފައިވާ ހެކިބަހުގެ މައްޗަށް ރިއާޔަތްކޮށެވެ.
ޝަހުމް އެއް އަހަރަށް ޖަލަށް ލުމަށް ކުހުމް ކުރީ އއ. ތޮއްޑޫ، ކާނޭޝަންމާގޭ، އަހުމަދު ނައީމަށް މާޗް 31، 2010ގައި ހެންވޭރު ކޮޅު ހޮޓަލެއްގައި ލަކުޑި ބުރިއަކުން ހަމަލާދީ ޒަހަމަކޮށްލުމާ ގުޅިގެންނެވެ.
ފޯން ކޮންފަރެންސް މެދުވެރިކޮށް އަހުމަދު ނައީމް މިދިޔަ މަހު ޝަރީއަތަށް ދީފައިވާ ހެކި ބަސް ދެމުން ބުނެފައި ވަނީ ޝަހުމަކީ އޭނާއާ އެކު 2009 ވަނަ އަހަރު އިމާމް ކޯހަށް ދިޔަ މީހެއް ކަމަށެވެ. އޭނާ ބުނީ މާޗް 31، 2010ގައި އޭނާ ރައްޓެހިންތަކަކާ އެކު ހޮޓަލެއްގައި ސައި ބޯން ތިއްބާ ޝަހުމް ވެސް އެތަނަށް ދިޔަ ކަމަށެވެ. ޝަހުމް ވެސް އިނީ އޭނާގެ ރައްޓެހިންތަކަކާ އެކު ކަމަށް ނައީމް ބުންޏެވެ.
ނައީމް ބުނީ އެ ދުވަހު ޝަހުމާ އެކު ސައި ބުއިމަށް އޭނާ ގާތަށް އައުމަށް ޝަހުމް ބުނަމުންދިޔަ ކަމަށެވެ. އަދި އެކަމަށް އިންކާރު ކުރުމުން ފަހަތުން ގޮސް ގައިގައި ހިފައި އޭނާ ނަގަން އުޅުނު ކަމަށް ވެސް ނައީމް ބުންޏެވެ. އަދި ބުނީ އެވަރުން ވެސް އޭނާ އިންކާރު ކުރުމުން ޝަހުމް އޭނާގެ ލޯ މަތީގައި ޖަހައި އަނިޔާ ކުރަން ފެށި ކަމަށެވެ. އެފަހަރު އޭނާ ސަލާމަތްކުރީ އެވަގުތު ހޮޓަލުގައި ތިބި މީހުން ކަމަށް ވެސް ނައީމް ޝަރީއަތަށް ކިޔައިދިނެވެ.
ނައީމް ބުނެފައި ވަނީ ހޮޓަލުގެ ތިބި މީހުން ޝަހުމް ދުރުކުރުމުން ކުޑަ އިރުކޮޅެއްގެ ތެރޭގައި އޭނާ ބޭރަށް ގޮސްފައިވާ ކަމަށެވެ. އަދި ފަހުން ލަކުޑި ފަތިބުރިއެއް ހިފައިގެން ހޮޓަލަށް ވަދެ ލަކުޑި ބުރިން ހަމަލާދީފައިވާ ކަމަށެވެ.
ނައީމް ބުނީ ޝަހުމް އޭނާ އަށް އަނިޔާ ކުރުމުގެ ސަބަބުން ލިބުނު ގެއްލުންތަކަށް ފަރުވާ ދިނުމަށް އޭޑީކޭ އާއި އައިޖީއެމްއެޗަށް ވެސް ގެންދިޔަ ކަމަށެވެ. އަދި ހޮޓަލުގައި ހިންގި މާރާމާރީއަށް ފަހު އެއް ދުވަހު މަގުތަމަތިން ފެނުމުން ވެސް ޝަހުމް އޭނާގެ ކަރުގައި ހިފައި ފިއްތާލާފައިވާ ކަމަށް ނައީމް ބުންޏެވެ.
އޭނާ ބުނީ އިމާމް ކޯސް އޭނާ އަށް ފުރިހަމަ ނުކުރެވުނީ ވެސް ޝަހުމްގެ ސަބަބުން ކަމަށާއި އެކަމުގެ ބަދަލު ހޯދަން ބޭނުންވާ ކަމަށެވެ.
ޝަހުމަކީ މ. ބިއުޓީފްލާވާ، މުހައްމަދު ހުސެއިންގެ މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހެކެވެ. މީގެ އިތުރުން މިދިޔަ މާޗް މަހު މަޖީދީމަގުގައި އަހުސަން ބަޝީރަށް ވަޅިން ހަމަލާދީ މަރާލި ކަމުގެ ތުހުމަތު ވެސް ފުލުހުން ކުރަނީ ޝަހުމްގެ މައްޗަށެވެ.
ބަޝީރުގެ މަރުގެ މައްސަލައިގައި ފުލުހުން ޝަހުމް ހޯދަމުން ދަނިކޮށް އިތުރު ބަޔަކާ އެކު އޭނާ އަތުލައިގެންފައި ވަނީ ފަޅު ރަށެއްގައި ފިލައިގެން އުޅެނިކޮށެވެ.