ގއ. ވިލިނގިލީގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހެއްގެ ހާލު ގޯސްވެ، އިތުރު ފަރުވާއަށް މާލެ ގެންނަން ނިންމައިފި އެވެ.

ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޝާފިޒް މޫސާ "ސަން"އަށް މިރޭ ވިދާޅުވީ، އެ ރަށުގައި ހިނގި އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވެގެން، ހޮސްޕިޓަލަށް ގެނައި ކަމަށެވެ.

އޭގެ ތެރެއިން ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.

ޝާފިޒް ވިދަޅުވީ، އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނީ އުމުރުން 21 އަހަރުގެ މުއާޒް ހަބީބް ނަމަކަށް ކިޔާ ގދ. ރަތަފަންދޫއަށް ނިސްބަތްވާ ޒުވާނަކަށެވެ. އޭނާގެ ކަރަށާއި ލޯ ކައިރިން ވަރަށް ބޮޑަށް ކަނޑައިގެން ގޮސް، ލޮލަށް ވެސް އަނިޔާ ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ލޮލަށް ވަރަށް ބޮޑަށް ގެއްލުންތަކެއް ވެފައި ހުރީ. މިކޮޅު ހޮސްޕިޓަލަކު ނެތް ލޮލުގެ ހާއްސަ ޑޮކްޓަރެއް. އަޅުނގަޑުމެން މިދަނީ ވީހާވެސް އަވަހަށް އޭނާ މާލެ ފޮނުވާލެވޭނެ ގޮތެއް އޮތްތޯ ބަލަމުން،" ގއ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ވިދާޅުވިއެވެ.

އެކްސިޑެންޓާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

އެކްސިޑެންޓް ހިނގި ސަރަހައްދުގައި ހުރި ސީސީޓީވީ ފުޓޭޖުގެ މަންޒަރުތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ވީޑިއޯއިން ފެންނަ ގޮތުން، އެ ރަށުގެ ބޮޑު މަގަކުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، މަގަކުން ނުކުތް ސައިކަލެއްގައި ޖެހި އެކްސިޑެންޓުވެ އެވެ.

ްއެކްސިޑެންޓު ހިނގުމުން މީހުން ޖަމާވެ، އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް އެހީތެރި ވާތަން ފެނެ އެވެ. ވީޑިއޯއިން ފެންނަ ގޮތުން ބޮޑެތި އަނިޔާތަކެއް ލިބުނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލުގައި ތިބި ދެ މީހުންނަށެވެ.

ގއ. ވިލިނގިލީ ބޮޑެތި މަގުތަކުގައި ވަނީ ތާރަ އަޅާފަ އެވެ. ނަމަވެސް ސްޕީޑު ބްރޭކަރުތައް ހަރުކޮށް، ޓްރެފިކް ނިޝާންތައް ބަހައްޓާފައެއް ނުވެ އެވެ.