އަންހެނަކަށް ބިރުދައްކައި، އޭނާއާ ގަދަކަމުން ޖިންސީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ސުޕަހިޓް ފިލްމް 'ޗެންނާއީ އެކްސްޕްރެސް'ގެ ޕްރޮޑިއުސަރު ކަރީމް މޮރާނީ ހައްޔަރުކޮށްފި އެވެ.

ބުދަ ދުވަހު ކަރީމް މޮނާރީ ހައްޔަރުކޮށްފައި ވަނީ ނިއު ދިއްލީގައި ދިރިއުޅޭ އުމުރުން 25 އަހަރުގެ އަންހެނަކު ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ރިޕޯޓުތައް ބުނާ ގޮތުން، އަންހެން މީހާ ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ވަނީ މިދިޔަ ހަފްތާގަ އެވެ. އޭނާ މައްސަލަ ހުށަހަޅާފައި ވަނީ މުމްބާއީގައި އަދި ހަޔާތުނަގަރުގައި ހުންނަ ފިލްމު ސްޓޫޑިއޯ އެއްގެ ތެރޭގައި 2015 ވަނަ އަހަރު ކަރީމް އޭނާއާ ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގާފައިވާ ކަމަށް ބުނެ އެވެ.

ރޭޕް ކުރުމަށް ފަހު، އޭނާއާ ކައިވެނި ކުރާނެ ކަމަށް ކަރީމް ބުނެފައިވާ ކަމަށް ވެސް ފުލުހުންނާ ހަވާލާދީ ރިޕޯޓުތައް ބުނެ އެވެ.

ކަރީމް އަކީ ބޮލީވުޑްގެ ރަސްގެފާނު ޝާހް ރުކް ޚާންގެ ވަރަށް ގާތް އެކުވެރި އެކެވެ. ކަރީމް ވަނީ 'ޗެންނާއީ އެކްސްޕްރެސް' ގެ އިތުރުން، ޝާހްގެ 'ހެޕީ ނިއު އިޔަރ'، 'ރާ.ވަން' އަދި 'ދިލްވާލޭ' ވެސް ޕްރޮޑިއުސް ކޮށްފަ އެވެ.