18 Jan 2017, 21:43
މިމަހުގެ 27ގައި މާލޭގައި ބާއްވާ ވޯލްޑް ވިމަން ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން ކޮލިފައިން މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ އިން ނޭޕާލްއާ ދެކޮޅަށް ނުކުންނަން ޖެހިއްޖެ އެވެ.
ރާއްޖެ އާއި ނޭޕާލްގެ އިތުރުން ދެން ކޮލިފިކޭޝަންގައި ވާދަ ކުރަނީ އީރާނެވެ. ތިން ޓީމް ތިން ޓީމާއި ކުޅުމަށްފަހު ގްރޫޕްގެ އެއްވަނަ ހޯދާ ޓީމެއް ވާދަކުރަން ޖެހޭނީ އޭޝިއާގެ ފައިނަލް ބުރުގަ އެވެ.
ދެވަނަ މެޗުގައި 28 ވަނަ ދުވަހު ނޭޕާލް ނުކުންނާނީ އީރާނާ ދެކޮޅަށެވެ. ފަހު މެޗުގައި 28 ވަނަ ދުވަހު އޮންނާނީ ރާއްޖެ އާއި އީރާންގެ މެޗެވެ.
މުބާރާތުގައި ވާދަ ކުރާ އީރާނާއި ނޭޕާލް ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ. މެޗުތަށް ކުޅޭނީ ހަވީރު 5 އެއް ޖަހާއިރުއެވެ. އެހެން މުބާރަތްތަކާ ހިލާފަށް ޒުވާނުންގެ މަރުޒަކު އެތެރޭ ކޯޓްގައި ކުޅޭ ކޮލިފިކޭޝަން މެޗުތަށް ބަލަން ސަޕޯޓަރުންނަށް ވަދަވޭނީ ޓިކެޓްގަނެގެންނެވެ.
މުބާރާތް ފުރިހަމަކޮށް ގެންދިއުމަށް ވޮލީ ބޯލް އެސޯސިއޭޝަނުން ވަނީ ކޮމެޓީއެއް އުފައްދާފައެވެ. ކޮމިޓީގެ ޗެއަމަން ކަމަށް ކަނޑައަޅާފައި ވަނީ ވޮލީކޯޗް މުހައްމަދު ޝަރަފެވެ. ވައިސް ޗެއާމަނަކީ އާދަމް ހަލީމެވެ.