ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް )ޓީސީއެލް(ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރިޔާޒާއި އެބޯޑުގެ ތިން މެމްބަރުން ކަމުގައިވާ މުހައްމަދު ޒާހިރު )އޯކޭ ޒާހިރު( އާއި އަދުލީ ރަޝީދާއި ޝިފާޒް އަލީ އެ ބޯޑުން ވަކިކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، މިހާރު އެ ބޯޑުގެ ޗެއާމަނަކަށް ހަމަޖައްސަވާފައިވަނީ ހ. ސޭންޑީބީޗް ޔޫޝައު ސައީދެވެ. މެނޭޖިންގ ޑިރެކްޓަރަކަށް ހަމަޖައްސަވާފައިވަނީ، ގ. ރަންގިރީގޭ މުހަންމަދު ވާފިރެވެ.

ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، މުހަންމަދު ޝަހުދީ އަންވަރާއި، ޝިމާދު އިބްރާހީމާއި، އަލީ ޝަރީފް އަދި ހުސައިން ނިޒާރެވެ.

ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު ވިދާޅުވީ، ޓީސީއެލްގެ ބޯޑަށް އެ ބަދަލު ގެނައީ ޓީސީއެލްގެ މަސައްކަތްތައް "ކުރިން ހިނގަމުން އައި ގޮތް އެހެން ގޮތަކަށް ބަދަލުކުރަން" ކަމަށާއި އެ މަސައްކަތްތައް ހަލުއި މިނެއްގައި ކުރިއަށް ގެންދިއުމަށް ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ޓީސީއެލްގެ ބޯޑަށް ބޮޑު ބަދަލެއް ގެނެސްފައި މިވަނީ، ތިލަފުށި ފަޅު ހިއްކުމުގެ މަސައްކަތް ހެވީލޯޑަށް 21 މިލިއަން ޑޮލަރަށް ދިން މައްސަލާގައި އެކުންފުނީގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުކުރެވި، އެ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ.