18 Jan 2017, 18:31
ވިލާ އެއާ އިން ހިންގަމުން އަންނަ ގދ. ކާޑެއްދޫ އެއާޕޯޓް ސަރުކާރަށް ނަގައި، މާމިގިލީ އިންޓަނޭޝަނަލް އެއާޕޯޓް ޑޮމެސްޓިކް އެއާޕޯޓަކަށް ބަދަލުކޮށްފި އެވެ.
ރީޖިނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ޖެނެރަލް ސާމީ އަގީލް "ސަން"އަށް މިއަދު ވިދާޅުވީ ކާޑެއްދޫ އެއާޕޯޓު ހިންގަން ވިލާ އެއާ އާ ހަވާލުކުރީ ސިވިލް އޭވިއޭޝަންގެ ގަވާއިދުތަކާ އެއްގޮތަށް ހިންގުމަށް ކަމަށެވެ. ނަމަވެސް ގަވާއިދުތަކާ އެ ކުންފުނިން ޚިލާފުވެފައި ވާތީ އެއާޕޯޓް ކުއްޔަށްދިން އެގްރީމެންޓް މިއަދު ބާތިލްކޮށްފައިވާ ކަމަށް ސާމީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އދ. މާމިގިލީގައި ހިންގާ ވިލާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ހަވާލުކޮށްފައި ވަނީ ވިލާ ޓްރޭޓް އެންޑް ޝިޕިން އަށް ކަމަށެވެ. އަދި އެ ކުންފުނީގެ އެދުމުގެ މަތިން މިދިޔަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހު އިންޓަނޭޝަނަލް އެއާޕޯޓުގެ ލައިސެންސް ބާތިލުކޮށްފައިވާ ކަމަށް ވެސް ސާމީ ވިދާޅުވި އެވެ.
"ވިލާ ޓްރޭޓް އެންޑް ޝިޕިން އިން ލިޔުމުން އެދިފައި ވަނީ އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި މާމިގިލީ އެއާޕޯޓު ހިންގާ ނަމަ، އެކުންފުންޏަށް ނުއުފުލޭވަރުގެ ބޮޑު ގެއްލުމެއް ލިބިދާނެތީ،" ސާމީ ވިދާޅުވި އެވެ.
ކާޑެއްދޫ އެއާޕޯޓް ވިލާ އެއާ އާ ހަވާލުކޮށްފައި ވަނީ 2013 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ދެވަަނަ ދުވަހުއެވެ. އަދި އެއަށް ފަހު ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމާ ސަރުކާރާ ދެމެދު އުފެދުނު ޚިޔާލުތަފާތުވުމަކަށް ފަހު 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ވަނީ އެ އެއާޕޯޓް އަތުލާފަ އެވެ. ނަމަވެސް އެއަށް ފަހު ޖެހިގެން އައި ސެޕްޓެމްބަރު މަހުގެ ތެރޭގައި އަނެއްކާ ވެސް ވަނީ އެއާޕޯޓު ހިންގުން ވިލާ އެއާއާ ހަވާލުކޮށްފަ އެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށް ކާޑެއްދޫ އެއާޕޯޓް ހިންގަމުން އައީ ވިލާ އެއާ އިންނެވެ.