23 Jun 2011, 11:45
ވިހާފައި ފޫޅު ދަނޑިއާ އެކު ގދ. ތިނަދޫ ގެއެއްގެ ގަރާޖު ތެރެއަށް އެއްލާލާފައި އޮއްވައި ފެނުނު ތުއްތު ކުއްޖާގެ މައްސަލައާ ގުޅިގެން އެ އަތޮޅު ގައްދޫން ފުލުހުން ހައްޔަރު ކުރަން އުޅުނު ތިން އަންހެނުންނަކީ ވެސް މިއިން ދުވަހުކު ވިހާފައިވާ ބައެއް ނޫން ކަމަށާއި އެ މައްސަލައާ ގުޅިގެން އެ ތިން އަންހެނުންގެ މައްޗަށް އެފަދަ ތުހުމަތުތަކެއް ތިނަދޫ މީހުން ކުރަނީ ގައްދޫ މީހުން ބަދުނާމު ކުރުމުގެ ގޮތުން ކަމަށް ގައްދޫ ކައުންސިލް އިދާރާ އިން ބުނެފި އެވެ.
ގައްދޫ ކައުންސިލުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ތިނަދޫ މީހުން ކުރި ތުހުމަތާ ގުޅިގެން ފުލުހުން ހައްޔަރު ކުރަން އުޅުނު ތިން އަންހެނުންގެ ތެރޭގައި ހިމެނެނީ ގައްދޫ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ ދެ އަންހެނެއް ކަމަށާއި އަދި އަނެއް މީހަކީ އެ އަތޮޅު މަދަރުސާގެ ޓީޗަރެއްގެ ވަޒީފާގައި މަސައްކަތް ކުރާ މީހެއް ކަމަށެވެ. އަދި އޭގެ ތެރެއިން ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ ދެ މުވައްޒަފުންގެ ތެރެއިން އެކަކު ތިނަދު އަށް ގޮސްފައި ވަނީ ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް ބަދަލު ކުރި ބަލި މީހެއްގެ އެހީތެރިއެއްގެ ގޮތުގައި ކަމަށެވެ. އަދި އަނެކަކު ގޮސްފައި ވަނީ އަމިއްލަ ބޭސްފަރުވާ އަކަށް ކަމަށާއި ސްކޫލްގައި މަސައްކަތް ކުރާ އަންހެން މީހާ ތިނަދު އަށް ގޮސްފައި ވަނީ އޭނާގެ ދަރިއެއް ބަލިވެގެން ކަމަށް ގައްދޫ ކައުންސިލްގެ އިދާރާ އިން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.
ގައްދޫ ތިން އަންހެނުންގެ ބޮލުގައި އެފަދަ ތުހުމަތުތަކެއް ތިނަދޫ މީހުން އަޅުވާފައިވާ ކަމަށް ބުނެ ތިނަދޫ މީހުންނަށް ވަރަށް ބޮޑަށް ފާޑުކިޔައި ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައި ވަނީ އެތިން އަންހެނުންނާއި ގިނަ ބައެއްގެ އެދުމުގެ މަތިން އެ ތިން މީހުން ޑޮކްޓަރަށް ދައްކާ ޓެސްޓު ހެދި ކަމަށެވެ. އަދި ވަކިވަކިން ޑޮކްޓަރު ދީފައިވާ ރިޕޯޓުގައިވާ ގޮތުން ކައިރި މާޒީއެއްގައި އެ ތިން އަންހެނުން ވިހާފައި ނުވާ ކަމަށާއި އަދި ބަލިވެ އިނދެފައި ވެސް ނުވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ގައްދޫ ކައުންސިލުން ނެރުނު ބަޔާނާ އެކު އެ ތިން އަންހެނުންގެ މެޑިކަލް ރިޕޯޓު ވެސް ވަނީ މީޑިއާތަކަށް އާންމުކޮށްފަ އެވެ.
އެ ރިޕޯޓު ތަކުގައިވާ ގޮތުން ޓެސްޓު ކުރި އެކަކީ މިހަކާ ނީނދެ ހުރި އަންހެނެކެވެ. އަދި އަނެއް ދެ މީހުންގެ ތެރެއިން އެކަކު ދެ ފަހަރެއްގެ މަތިން ވިހާފައިވާ އިރު އަނެއް މީހާ ވިހާފައި ވަނީ މީގެ ހަ އަހަރު ކުރިންނެވެ.
ގައްދޫ ކައުންސިލުން ނެރުނު ބަޔާނުގައި ބުނަނީ ގައްދޫގެ އެ ތިން އަންހެނުންނާ އަދި ގައްދޫ ބަދުނާމުކުރުމުގެ ގޮތުން ތިނަދޫގެ ބަޔަކު ދައްކަމުންދާ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކައެއް ކަމަށާއި އަދި އެކަމާ ގައްދޫ ރައްޔިތުން ހިތާމަކޮށް ކަންބޮޑުވާ ކަމަށެވެ.
އެއްލާލާފައި އޮއްވައި ތިނަދޫން ފެނުނު ކުޑަ ފިރިހެން ކުއްޖާގެ މައްސަލައިގެ ތުހުމަތުގައި ގައްދޫން ތިން އަންހެނަކު ހައްޔަރު ކުރަން އުޅުމުން އެ ރަށު ބައެއް މީހުން ވަނީ ފުލުހުންނަށް ހުރަސް އަޅައިފަ އެވެ. އަދި ރައްޔިތުން އެއްވެ ނުރުހުން ފާޅު ކުރަން ފެށުމުން ފުލުހުންގެ ލޯންޗު އެމީހުން ބަލާ ގޮސްފަ އެއްނުވެ އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ މައްސަލައިގެ ތަހުގީގަށް އެއްވެސް މީހަކު ހައްޔަރު ކުރަން މަސައްކަތް ކޮށްފައިނުވާނެ ކަމަށާއި ނަމަވެސް މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ސާފު ކުރުމަށް މީހުންނާ ސުވާލުކޮށް، ކުރަން ޖެހޭ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.
ތިނަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީރު ވިދާޅުވީ އެފަދަ ތުހުމަތުތަކެއް ގައްދޫ ރައްޔިތުންގެ އަގު ވައްޓާލުމުގެ ގޮތުން ތިނަދޫ އެއްވެސް ރައްޔިތަކު ކޮށްފައިވާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އަދި މައްސަލަ ތަހުގީގު ކުރަމުންދާ ބައަކީ ފުލުހުން ކަމަށާއި ކައުންސިލް އިދާރާ ނޫން ކަމަށް ނަސީރު ވިދާޅުވި އެވެ. އަދި ތިނަދޫ މީހުންނަށް އެފަދަ ތުހުމަތެއް ގައްދޫ ކައުންސިލްގެ އިދާރާ އިން ކޮށްފައިވާތީ ހިތާމަ ކުރާ ކަމަށް ވެސް އަހުމަދު ނަސީރު ވިދާޅުވި އެވެ.