18 Jan 2017, 17:46
ޖަލުތަކުގައި ތިބި ގައިދީންގެ ތެރެއިން މިދިޔަ އަހަރުގެ އެސްއެސްސީ އިމްތިހާން ހެދި ހުރިހާ ގައިދީން ފާސްވެއްޖެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް (އެމްސީއެސް)އިން ބުނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ހިންގި ކުލާސްތައް ފުރިހަމަކޮށް މިދިޔަ އަހަރުގެ އެސްއެސްސީ އިމްތިހާނުގައި 14 ގައިދީއަކު ބައިވެރިވި ކަމަށެވެ.
އެމްސީއެސް އިން ބުނީ، އެފަދަ ކާމިޔާބީތައް ހޯދާ ގައިދީން އަނބުރާ ކުށުގެ ވެއްޓަށް ދިޔަ ނުދިނުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތުގެ ނަތީޖާ ހާސިލް ކުރެވޭނީ މުޖުތަމައުގެ އެއްބާރުލުމާއެކު އެ މީހުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދީގެން ކަމަށެވެ.
ކަރެކްޝަނަލް ސާވިސްއިން ގެންދަނީ ގައިދީން ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމައުއަށް ފޮނުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން، ގައިދީންނަށް ކިޔަވައިދީ އެމީހުންނަކީ މުޖުތަމައު ބަލައިގަންނަ ބަޔަކަށް ހެދުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން އެކިކަހަލަ ތަމްރީން ކޯސްތައް އެ ސާވިސް އިން މިހާރު ވެސް ގެންދަނީ ހިންގަމުންނެވެ.