20 Jan 2017, 00:11
އުތުރު ޔޫރަޕުގައި ބާއްވާ އެންމެ ބޮޑު ޓްރެވަލް އިވެންޓު، މަކްޓާ ނޯޑިކް ޓްރެވަލް ފެއާގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ބައިވެރިވެއްޖެ އެވެ.
މިއަދުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަށް ފިންލެންޑް ވެރިރަށް ހެލްސިންކީގައި ބާއްވާ އެ ފެއާއަކީ ފަތުރުވެރިކަމުގެ ދާއިރާގެ އާ ޕްރޮޑަކްޓްތަކާއި ނެޓްވޯކުތަކުގެ މައުލޫމާތު ހޯދުމަށާއި އާ ސަޕްލަޔަރުންނާއި ބައްދަލުކުރުމުގެ މަގު ތަނަވަސްކޮށް ދިނުމަށް ބާއްވާ ފެއާ އެކެވެ.
މަޓާޓޯއިން ބުނީ އެ ފެއާގައި ރާއްޖޭގެ ނުވަ ކުންފުންޏާކުން ބައިވެރިވާ ކަމަށާއި، އޭގެ ތެރޭގައި ރިސޯޓުތަކާއި ޓްރެވެލް އޭޖެންޓުންގެ އިތުރުން ގެސްޓު ހައުސްތައް ހިމެނޭ ކަމަށެވެ.
އެ ޖަމިއްޔާއިން ބުނީ އެ ފެއާ މެދުވެރިކޮށް މުޅި ދުނިޔޭގައި ވެސް ތިން ވަނައަށް އެންމެ ބޮޑު އައުޓްބައުންޑް ޓްރެވަލް މާކެޓަށް ރާއްޖެ ހުޅުވިގެންދާނެ ކަމަށެވެ.
އުތުރު ޔޫރަޕު ނުވަތަ ނޯޑިކް ސަރަހައްދުގައި ހިމެނޭ ގައުމުތަކަކީ ސްވިޑަން އާއި ނޯވޭގެ އިތުރުން ފިންލެންޑާއި ޑެންމާކެވެ. އެ ސަރަހައްދުގެ އާބާދީ 25 މިލިއަނަށް އަރާއިރު، ކޮންމެ އަހަރަކުވެސް އެ ގައުމުތަކުގެ މީހުން ދަތުރު ކުރުމަށް 20 ބިލިއަން ޑޮލަރު ހޭދަކުރެ އެވެ.