ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ގެންބިޔާގެ ރައީސް ޔަހްޔާ ޖާމިއު ގަދަބާރުން ވެރިކަމުގައި ހުންނެވުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން އެ ގައުމުގެ ނެޝަނަލް އެސެމްބްލީން އެމަނިކުފާނު ވެރިކަމުގެ ހުރުމަށް އިތުރު ތިން މަސް ދުވަސް ދީފިއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު ގެންބިޔާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް ޔަހްޔާ ވަނީ ނާކާމިޔާބުވެ ވަޑައިގެން ބަލި ގަބޫލުކުރައްވާފަ އެވެ. ނަމަވެސް ބަލި ގަބޫލުކުރެއްވިތާ އެއް ހަފްތާ ފަހުން އޭނާ ވަނީ އިންތިޚާބުގެ ނަތީޖާ ވަނީ އޮޅުވާލާފައި ކަން ބަޔާން ކުރައްވައި ބަލި ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

އެއާއެކު އެ ގައުމު ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓިފައިވާއިރު ރައީސް ޔަހްޔާ ޖާމިއު އެ ގައުމުގައި ހަރުކަށި ވެރިކަމެއް ކުރައްވަމުން ގެންދަވާތާ ވަނީ 22 އަހަރު ވެފަ އެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރައްވާކަން އިއުލާންކުރެއްވިތާ މާ ގިނަ ދުވަހެއް ނުވަނީސް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނަރު ވަނީ ފިއްލަވާފަ އެވެ.

ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން އިއްޔެ އެ ގައުމުގެ ރައީސް ވަނީ ގައުމުގައި ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ. ރައީސް ޔަހްޔާ ޖާމިއުއަށް އިތުރު ތިން މަސް ދުވަސް ވަންދެން ވަލިއުލް އަމުރުގެ މަގާމުގައި ހުރުމަށް ދިން ހުއްދަ ފަށާނީ މިއަދުން ފެށިގެންނެވެ.