18 Jan 2017, 16:22
މީހެއްގެ ކިޑްނީގައި އުފެދިފައި ހުރި ހިލަތަކެއް ނެގުމަށް އައިޖީއެމްއެޗްގައި ޕާސުޓޭނިއަސް ނެފްރޮލޮތިޓޮމީ (ޕީސީއެންއެލް)ގެ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފި އެވެ.
މިއަދު އައިޖީއެމްއެޗްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ހޮސްޕިޓަލުގެ ސަބް ސްޕެޝަލިސްޓް އިން ނެފްރޮލޮޖީ ޑރ. އިބްރާހިމް ޝިހާމް ވިދާޅުވީ އެ އޮޕަރޭޝަން ކޮށްފައި ވަނީ އިންޑިއާގެ މަޝްހޫރު އެންޔޫ ހޮސްޕިޓަލްގެ ޔޫރޮލޮޖިސްޓު، މަނީޝް ސިންހާ ކަމަށެވެ. އަދި ކާމިޔާބު އެ އޮޕަރޭޝަނަށް ފަހު ބަލިމީހާ މިއަދު ދޫކޮށްލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. މަނީޝް ވިދާޅުވީ ރާއްޖޭގައި އެފަދަ އޮޕަރޭޝަނެއް ފުރަތަމަ ފަހަރަށް ކުރަން ލިބުމުން އެކަމާ ހާސްވި ކަމަށެވެ. ނަމަވެސް އޮޕަރޭޝަން ތިއޭޓަރުގެ މުއައްޒަފުންނާ އެކު މަސައްކަތް ކުރަން ލިބުމުން ހާސްކަމެއް ނެތި އެ އޮޕަރޭޝަން ކާމިޔާބުކަމާ އެކު ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޯޓީ [އޮޕަރޭޝަން ތިއޭޓަރު]ގެ ސްޓާފުން ވަރަށް ޝައުގުވެރިކަން ހުރޭ މިކަހަލަ އާ ޕްރޮސީޖާސްތައް ކުރިއަށް ގެންދިއުމަށް. އަޅުގަނޑު ހާސްވެފައި ހުރި ނަމަވެސް އެ ސްޓާފުންނާ އެކު މަސައްކަތް ކުރެވުމުން ކާމިޔާބުކަމާ އެކު ކުރެވުނީ. މިއީ ރާއްޖޭގައި ކުރެވޭ މިފަދަ ފުރަތަމަ އޮޕަރޭޝަންކަމުގައިވި ނަމަވެސް އަޅުގަނޑަކީ އިންޑިއާގައި މިފަދަ އޮޕަރޭޝަންތައް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކުރާ ޑޮކްޓަރެއް. މި ފުރުސަތު ދިނިތީ އައިޖީއެމްއެޗަށް ޚާއްސަ ޝުކުރެއް ދަންނަވަން،" ޑރ. މަނީޝް ވިދާޅުވި އެވެ.
މި އޮޕަރޭޝަންކޮށްފައި ވަނީ އެ ހޮސްޕިޓަލުގެ ނޭޝަނަލް ޔޫރޯރީނަލް ފާޓިލިޓީ ސެންޓަރުގަ އެވެ. މި އޮޕަރޭޝަނުގައި ހަށިގަނޑު ފެޅުމުގެ ބަދަލުގައި އެއް ސެންޓިމީޓަރު ކުޑަ ކުޑަ ލޯވަޅެއް ހަމުގައި އަޅާނެ އެވެ. އަދި އެތަނުން ވައްދާ ހިމަ ހޮޅިއެއް މެދުވެރިކޮށް ކިޑްނީގައި ވެސް ސެންޓިމީޓަރެއްހާ ކުޑަކުޑަ ލޯވަޅެއް އަޅައި ލޭޒާ މެދުވެރިކޮށް ހިލަ ކުދި ކުދިކުރުމަށް ފަހު ބޭރަށް ދަމާލައި ބޭރުކޮށްލަނީ އެވެ.
ޑރ. ޝިހާމް ވިދާޅުވީ އެފަދަ އޮޕަރޭޝަންތައް އެ ހޮސްޕިޓަލުގައި މިހާރު ވެވޭނެ ކަމަށާއި ދިވެހި ޔޫރޮލޮޖިސްޓުން ތަމްރީން ވަންދެން އެންޔޫ ހޮސްޕިޓަލްގެ ޔޫރޮލޮޖިސްޓުން އެ ހޮސްޕިޓަލުގައި އެފަދަ އޮޕަރޭޝަންތައް ކުރުމުގައި ތިބޭނެ ކަމަށެވެ. އެގޮތުން ދިވެހި ޔޫރޮލޮޖިސްޓެއް ތަމްރީންވެ ނިމެންދެން އެ ހޮސްޕިޓަލުގެ ޑޮކްޓަރެއް އަބަދު ވެސް އައިޖީއެމްއެޗްގައި ހުންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އައިޖީއެމްއެޗްގައި ނޭޝަނަލް ޔޫރޯރީނަލް ފާޓިލިޓީ ސެންޓަރު ހުޅުވާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. އެ ސެންޓަރުން އަންނަނީ ކިޑްނީގެ ބޮޑެތި ބަލިތަކާއި ކުޑަކަމުދާ ނިޒާމަށް ޖެހޭ ބަލިތަކަށް ފަރުވާ ދެމުންނެވެ. އަދި މި މަހުގެ ދެވަނަ ދުވަހުން ފެށިގެން އެ ސެންޓަރުން ވަނީ ދަރިމައިވުމުގައި ދިމާވާ މައްސަލަތަކަށް ފަރުވާ ދޭން ފަށައިފަ އެވެ.