ބާރަ ވަނަ އިންޓަ ރިސޯޓް ވޮލީ މުބާރާތުގައި ބަޑޮސް އައިލެންޑް ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކޮށް ސެމީފައިނަލުން ޖާގައެއް ހޯދުމުގެ ފުރުޞަތު ބޮޑުކޮށްފި އެވެ.

ކޮންރެޑް މޯލްޑިވްސް އާއި ބައްދަލުކޮށް އިއްޔެ ކުޅުނު މިމެޗް ބަޑޮސް އައިލެންޑުން ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. މިމެޗްގެ ސެޓްތައް ބަނޑޮހުން ކާމިޔާބު ކޮށްފައިވާގޮތަށް ބަލާއިރު، ފުރަތަމަ ސެޓް ކާމިޔާބު ކުރީ 25-19 އިންނެވެ. ދެ ވަނަ ސެޓް 25-17 އިން ކާމިޔާބު ކުރި އިރު، ފަހު ސެޓް ބަނޑޮސް ރިސޯޓުން ކާމިޔާބު ކުރީ 25-23 އިން ނެވެ.

މިމެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ބަނޑޮހުގެ އަހުމަދު އަލީ އެވެ.

ބަނޑޮސް ސެމީގެ ފުރުޞަތު ބޮޑުކުރި އިރު، މިގްރޫފް ގައި ދެން ހިމެނޭ ޓީމްތަކުގެ ތެރެއިން ކުލަބް މެޑް ކުޅުނު ދެމެޗުން އެޓީމް ވަނީ ބަލިވެފައި ވާތީ އެވެ. އަދި މިގްރޫޕްގައި ހިމެނޭ ރީތިރަށް މިއަދު ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ ރީތި ރަށް ސެމީފައިނަލުން ޖާގަ ލިބޭނެ އެވެ.

މީގެއިތުރުން މިމުބާރާތުގައި އިއްޔެ ކުޅުނު ދެވަނަ މެޗްގައި ކުލަބް މެޑާއި ވާދަކޮށް ތާޖް އައިލެންޑް ރިސޯޓުން މެޗް ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. އެގޮތުން މެޗްގެ ފުރަތަމަ ސެޓް ތާޖުން ކާމިޔާބު ކުރީ 25-12 އިންނެވެ. ދެ ވަނަ ސެޓް 25-16 އިން ތާޖުން ކާމިޔާބު ކުރި އިރު، ފަހު ސެޓް ތާޖުން ކާމިޔާބު ކުރީ 25-15 އިންނެވެ.
މިމެޗުން ތާޖް މޮޅުވުމުން އެޓީމް މިހާރު ވަނީ ސެމީ ފައިނަލަށް ދަތުރު ކޮށްފަ އެވެ.

މިމުބާރާތުގައި މިއަދު ވެސް ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާ އިރު، ފުރަތަމަ މެޗްގައި މެންދުރު ފަހު 3:00 ޖަހާއިރު ބައްދަލުކުރާ ދެޓީމަކީ ރީތި ރަށާއި ފިހާޅޮހި އައިލެންޑް ރިސޯޓެވެ. އަދި މެވަނަ މެޗްގައި ހަވީރު 5:00 ޖަހާއިރު ބައްދަލުކުރާ ދެޓީ މަކީ ތާޖާއި ކޮންރެޑް މޯލްޑިވްސް އެވެ. މި ދެމެޗްގެ ކުޅުން ވެސް ކުރިއަށްދާނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓްގައެވެ.