18 Jan 2017, 15:18
ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ރ. ރަސްގެތީމު، ފާތުމަތު ޝިއުނާ، 28 މަރުވީ ކާރު ދުއްވަން އިން ގ. ސީވޭވް، އަހުމަދު މަލްދާން އަލީ ބަލަންވީ ވަރަށް ނުބަލައި ކާރު ދުއްވުމުން ކަމަށް ދައުލަތުން ބުނެފި އެވެ.
އިސްލާމިކް ޔުނިވާސިޓީގެ ލެކްޗަރާއެއް ކަމަށްވާ މުހައްމަދު ޝާހިދާއެކު ސައިކަލު ދުއްވަން ޝިއުނާ ނުކުމެ އުޅެނިކޮށް އެ އެކްސިޑެންޓު ހިނގީ ހުޅުމާލެ ނިރޮޅު މަގުން ދުއްވާފައި ދަނިކޮށެވެ. ފަހަތުން އައި ކާރެއް ސައިކަލުގައި ޖެހި އެކްސިޑެންޓު ހިނގި އިރު، ޝިއުނާ އިނީ ސައިކަލުގެ ފަހަތުގަ އެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ހުޅުމާލޭ ނިރޮޅުމަގުން ބަލަންވީ ވަރަށް ނުބަލައި މަލްދާން ކާރު ދުއްވާފައި ދިޔުމުގެ ސަބަބުން އެކްސިޑެންޓްވެ ސައިކަލުގައި އިން ޝިއުނާ މަރުވީ ކަމަށެވެ.
އޭނާގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 112 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުންނެވެ.
އެ މާއްދާގައި ވާގޮތުން މީހަކު މަރުވެދިޔުމުގެެ އިހުމާލުގެ އަމަލެއް ކުރުމަކީ ކުށެކެވެ. އަދި އެފަދަ މީހަކަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރަށް ޖަލަށް ލުމެވެ.
މަލްދާން ބުނީ އެ މައްސަލާގައި ޖަވާބުދާރީ ވާން ބޭނުންވަނީ ވަކީލަކާ އެކު ކަމަށެވެ. އެހެންކަމުން ވަކީލެއް އައްޔަން ކުރަން ގާޒީ ވަނީ މަލްދާންއަށް 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ.
މަލްދާންގެ ބަންދާ މެދު ލުއި ގޮތެއް ހަމަޖައްސައިދިނުމަށް އޭނާ މިއަދު ވަނީ އެދިފަ އެވެ. "މަންމަގެ ހުރި ހަމައެކަނި ފިރިހެން ކުއްޖާ" ކަން ފާހަގަކޮށް މަލްދާން އެދުނީ ލުއި ގޮތެއް ބަންދަށް ހަދައިދިނުމަށެވެ. ނަމަވެސް މައްސަލައަކީ ބޮޑު މައްސަލައެއްކަން ފާހަގަކޮށް ގާޒީ ވިދާޅުވީ އެފަދަ މައްސަލަތަކުގައި އަމަލު ކުރާ އުސޫލަށް ބަލާއިރު ބަންދަށް ލުއިގޮތެއް ހަދައިދެވެން ނެތް ކަމަށެވެ.
އެހެންކަމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ގާޒީ އާދަމް އާރިފް ވަނީ އަމުރުކޮށްފަ އެވެ.