ޗައިނާގެ ކްލަބަކުން ބޮޑު މުސާރައެއް ހުށަހެޅުމުންވެސް އެ ހުށަހެޅުން ދޫކޮށް މެންޗަސްޓާ ސިޓީގައި މަޑުކުރުމަށް ޔާޔާ ޓޫރޫ ނިންމައިފިއެވެ.

އުމުރުން 33 އަހަރުގެ ޓޫރޭއަށް ޗައިނާގެ ސުޕަލީގްގެ ކަލްބަކުން ވަނީ ހަފްތާއަކު 430،000 ހާސް ޕައުންޑްގެ މުސާރައެއް ދިނުމަށް ހުށަހަޅާފައެވެ. ނަމަވެސް ޓޫރޭ ވަނީ އެ ހުށަހެޅުން ދޫކޮށް ސިޓީގައި މަޑުކުރުމަށް ނިންމާފައެވެ.

ބާސެލޯނާއިން 2010 ވަނަ އަހަރު ސިޓީއާ ގުޅުނު ޓޫރޭ އެޓީމާއިކު ހަދާފައިވާ އެއްބަސްވުން ކުރިއަށް އޮތް ހޫނު މޫސުމުގައި ހަމަވާނެއެވެ. ނަމަވެސް ސިޓީން އަދި މިހާތަނަށް ޓޫރޭގެ އެއްބަސްވުން އާކޮށްފައިނުވާއިރު އޭނާގެ ކުރިމަގާ މެދު ވަނީ ގިނަ ސުވާލުތަކެއް އުފެދިފައެވެ.

ސީޒަނުގެ ކުރީކޮޅު ކޯޗު ޕެޕް ގާޑިއޯލާއާ މައްސަލަ ޖެހި ޓޫރޭއަށް ވަނީ ސިޓީން ފުރުސަތު ގެއްލިފައެވެ. ގާޑިއޯލާއާއި ޓޫރޭއާ ދެމެދު މައްސަލަ ޖެހުނީ ޗެމްޕިއަންސް ލީގު ސްކޮޑުން ފުރުސަތު ނުދިނުމުން އޭޖެންޓް އެކަމާ ފާޑުކިޔުމުންނެވެ. ފަހުން އޭނާ އަށް ފުރުސަތު ދިނީ އޭޖެންޓުގެ ފަރާތުން ޓޫރޭ މައާފަށް އެދެމުންނެވެ.

ޓޫރޭ ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު ސިޓީ ޓީމްގައި ހިމެނި ކުޅުނު ފުރަތަމަ މެޗުގައި ކްރިސްޓަލް ޕެލަސް ކޮޅަށް ދެ ގޯލު ކާމިޔާބްކޮށްދީ ސިޓީ މޮޅުކޮށްދީފައެވެ. އޭގެ ފަހުން ސީޓީ ކުޅުނު ހަތް މެޗުގައި ވެސް ޓޫރޭ ވަނީ ކުޅެފައެވެ.