23 Jun 2011, 11:25
ވިކްޓަރީ ސްޕޯޓްސް ކުލަބްގެ ކުރީގެ ކެޕްޓަން ސޮބާހް މުހައްމަދު، ދެ ވަނަ ފަހަރަށް ރިލީޒް ހޯދަން އެދުމުން އެކުލަބުން އޭނާ އަށް އެފުރުސަތު ދީފި އެވެ.
ވިކްޓަރީގެ އިސް އޮފިޝަލަކު ބުނީ ކުރީގެ ކެޕްޓަން ސޮބާހަށް ރިލީޒް ދިނީ އިއްޔެ ކަމަށާއި އެކަން މިހާރު ރަސްމީކޮށް އަންގާފައި ވާނެ ކަމަށެވެ. ސޮބާ ފިޔަވައި އެހެން ކުޅުންތެރިޔަކު މިހާތަނަށް ރިލީޒް ހޯދަން އެދިފައި ނެތް ކަމަށް ވެސް އޭނަ ބުންޏެވެ.
ސޮބާ ބުނީ، މި މަހުގެ ނިޔަލަށް ހުޅުވިފައިވާ މިޑް ސީޒަން ޓްރާންސްފާ މުއްދަތުގައި ދެން ފެނުން އެންމެ ގާތީ ކުރިން ވެސް ކުޅުނު ނިއު ރޭޑިއަންޓުން ކަމަށާއި އެގޮތުން ނިއުއާ އެކު އެއްބަސްވުމެއް ހެދުމަށް ވާހަކަ ދައްކަމުންދާ ކަމަށެވެ.
ރާއްޖޭގެ ގައުމީ ޓީމަށް ވެސް މެދުނުކެނޑި ގިނަ ދުވަސްތަކެއް ވަންދެން ކުޅެފައިވާ ސޮބާއަށް މިއަހަރު ވަނީ ގައުމީ ޓީމުން ވެސް ޖާގަ ގެއްލިފަ އެވެ.
ވިކްޓްރީގެ ޓީމުން ވަރަށް މަދުން ނޫނީ މި އަހަރު ފުރުސަތު ނުލިބޭތީ ގައުމީ ޓީމުން ޖާގަ ގެއްލިފައިވާ ސޮބާ ބުނެފައި ވަނީ އޭނާ ބޭނުން ވަނީ ކުޅެން ފުރުސަތު ލިބޭ ޓީމަކަށް ގޮސް އަލުން ކުރީގެ ކުޅުމުގެ ތެރެއަށް އަންނަން ކަމަށެވެ.