18 Jan 2017, 10:47
ރަޝިއާގައި މިއަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ކޮންފެޑެރޭޝަންސް ކަޕަށް ތައްޔާރުވުމުގެ ގޮތުން އެގައުމުގެ ބައެއް ސަރަހައްދުތަކުގެ ސަލާމަތީކަންކަން ބެލެހެއްޓުން ވަރުގަދަކުރުމަށް ނިންމައިފިއެވެ.
ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތްކަމަށްވާ، ފީފާ ވޯލްޑް ކަޕާއި އެ މުބާރާތުގެ ކުރިން ބާއްވާ، ކޮންފެޑެރޭޝަންސް ކަޕް ބާއްވާ ސަރަހައްދުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ނިންމާފައި ވަނީ ރަޝިއާގެ ރައީސް ވްލަޑިމިއަ ޕޫޓިން ނެރުއްވި ރިޔާސީ ގަރާރަކުންނެވެ.
ފީފާގެ ކޮންފެޑެރޭޝަންސް ތަކުގެ ޗެމްޕިއަންނުންނާއި މުބާރާތް ބާއްވާ ގައުމާއި އަދި އެންމެ ފަހުގެ ވޯލްޑް ކަޕް ޗެމްޕިއަނުން ވާދަކުރާ މި މުބާރާތް މިފަހަރު ރަޝިއާގެ ހަތަރު ސިޓީއެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާއިރު، އެ ސަރަހައްދު ތަކުގައި ދަތުރުކުރާ ބަސްފަދަ ފަސިންޖަރުން އުފުލާ އުޅަނދުތަކުގައި، ރަޝިއާއިން އުފައްދާފައިވާގްލޯނަސް ސެޓެލައިޓް ޕޮޒިޝަނިންގ ސިސްޓަމްނެތް ނަމަ، އެ އުޅަނދުތަކަަށް ސަރަހައްދަށް ވަނުމުގެ ހުއްދަ ނުދޭގޮތަށް ވަނީ ހަމަޖައްސައިފައެވެ.
މީގެ އިތުރުން، މުބާރާތުގެ މެޗުތަކާއި އަދި އެހެނިހެންވެސް އިވެންޓްތައް ކުރިއަށް ގެންދާ ސަރަހައްދުތަކުގެ ވައިގެ ސަރަހައްދުވެސް ބަންދުކުރުމަށް އެ ގަރާރުގައި ބަޔާންކޮށްފައި ވެއެވެ.
ރަޝިއާގައި 2017 ވަނަ އަހަރުގެ ކޮންފެޑެރޭޝަންސް ކަޕް އޮންނާނީ، 17 ޖޫން އިން 2 ޖުލައިގެ ނިޔަލަށް، މޮސްކޯ، އެސްޓީ. ޕީޓަސްބާގް، ސޯޝީ އަދި ކަޒާންގައެވެ.
ފީފާ ވޯލްޑް ކަޕް 2018ގެ މެޗުތައް ރަޝިއާގެ 11 ސިޓީއެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު އެ މުބާރާތް އޮންނާނީ، 14 ޖޫން އިން 15 ޖުލައި 2018ގެ ނިޔަލަށެވެ.
ކޮންފެޑެރޭޝަންސް ކަޕް 2017އަށް ކޮލިފައިވި ޓީމުތައް
- ރަޝިއާ(ޔުއެފާ) - ވޯލްޑް ކަޕް 2018 ބާއްވާ ގައުމު
- ޖަރުމަނު(ޔުއެފާ) - 2014 ވޯލްޑް ކަޕް ޗެމްޕިއަން
- އޮސްޓްރޭލިއާ(އޭއެފްސީ) - އޭޝިއަން ކަޕް ވިނާސް 2015
- ޗިލީ(ކޮންމެބަލް) - ކޮޕާ އެމެރިކާ ޗެމްޕިއަންސް 2015
- މެކްސިކޯ(ކޮންކާކަފް) - ކޮންކާކަފް ކަޕް ޗެމްޕިއަން 2015
- ނިއުޒީލޭންޑް(އޯއެފްސީ) - އޯއެފްސީ ނޭޝަންސް ކަޕް ޗެމްޕިއަން 2016
- ޕޯޗްގަލް(ޔުއެފާ) - ޔުއެފާ ޔޫރޯ ޗެމްޕިއަން 2016
- ފެބްރުއަރީ 2017ގައި އިއުލާނުކުރާނެ (ކޭފް) - އެފްރިކަން ކަޕް އޮފް ނޭޝަންސް ޗެމްޕިއަން 2017