ދިރާގް ދިވެހިލީގް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ރޭ ކުޅުނު މެޗް ވިކްޓަރީން ކާމިޔާބުކޮށް ލީގް ތާވަލްގެ އެއްވަނާގައި އޮތް ވީބީ އާއި ދެމެދު އޮތް ފަރަގު އެ ޓީމުން ކުޑަކޮށްފި އެވެ.

ތާވަލަގް ދެވަނާގައި ވިކްޓަރީ 26 ޕޮއިންޓާ އެކު އޮތް އިރު، ރޭ ކުޅުނު މެޗް ވިކްޓަރީން ކާމިޔާބުކުރީ އީގަލްސް އާއި ބައްދަލުކޮށް 5-1 ލަނޑުންނެވެ. އަދި ތާވަލް މިހާރު އޮތް ގޮތުން ވިކްޓަރީން ވަނީ އެއްވަނާގައި އުޅޭ ވީބީގެ ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފަ އެވެ. ތާވަލްގެ އެއްވަނާގައި ވީބީ ސްޕޯޓްސް ކުލަބް އުޅެނީ 28 ޕޮއިންޓާއެކުގަ އެވެ.
ވިކްޓަރީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ ރޭގެ މެޗްގައި އެ ޓީމުގެ ފުރަތަމަ ލަނޑުޖަހައި ލީޑް ނަގައި ދިނީ ހުސެން ސިމާޒް(ކޮކީ) އެވެ. މެޗްގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ދެ މިނެޓް ތެރޭގައި ކޮކީ ވިކްޓަރީ އަށް ކާމިޔާބު ކޮށްދިން ލަނޑާ އެކު މެޗްގެ ފުރަތަމަ ހާފްގެ ކުޅުން ވަނީ ނިމިފަ އެވެ.

މެޗްގެ ދެވަނަ ހާފަށް ދެޓީމް ވެސް ދަނޑަށް ނުކުތް އިރު، 1-0 ލަނޑުން ލީޑް ހޯދާފައިވާ ވިކްޓަރީއަށް އެޓީމްގެ ދެވަނަ ލަނޑު، މެޗްގެ 66 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދީނީ މުޅިމެޗްގައި ވެސް މޮޅު ކުޅުމެއް ދެއްކި އިބްރާހިމް ފަޒީލް (އޮއްޕޮ) އެވެ. ވިކްޓަރީގެ ތިން ވަނަ ލަނޑު މެޗްގެ 68 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ފައުޒާން ހަބީބް އެވެ. އަދި މިމެޗްގައި ވިކްޓަރީން ޖެހި އެޓީމްގެ ހަތަރު ވަނަ ލަނޑާއި ފަސް ވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިސްމާއިލް މަމްދޫހް (މަންޑޭ) އެވެ. އެގޮތުން މަންޑޭގެ ފުރަތަމަ ލަނޑު މެޗްގެ 75 ވަނަ މިނެޓްގައި ކާމިކާބު ކޮށްދިން އިރު، ދެ ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ 79 ވަނަ މިނެޓްގަ އެވެ.

މިމެޗްގައި އީގަލްސް އިން ޖެހި އެ ޓީމްގެ ހަމަ އެކަނި ލަނޑު މެޗްގެ 74 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އިބްރާހިމް ސަނޫނެވެ.

ލީގް ހޯދުމަށް ކެއްމަދުވެފައިވާ ވިކްޓަރީ ރޭގެ މެޗުން މޮޅުވިއިރު، މެޗުން ބަލިވި އީގަލްސް އުޅެނީ 13 ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނާގައައެވެ.

ޖުމްލަ އަަށް ޓީމް ވާދަކުރާ މިމުބާރާތުގެ ދެވަނަ ބުރުގެ ކުޅުން ނިމުމަކާހަމައަށް އަންނަ އިރު، ތާވަލްގެ އެންމެ ފުލުގައި އޮންނަ ދެ ޓީމް ރެލިގޭޝަން ކުޅެންޖެހޭނެއެވެ. އެގޮތުން ލީގުގެ ތިން ވަނަ ބުރަށް ކޮލިފައިވާނީ ގަދަ ހަ ޓީމެވެ. މިހާރު ތާވަލް އޮތް ގޮތުން އެންމެ ފުލުގައި އުޅޭ ދެޓީމަކީ ތިން ޕޮއިންޓާއެކު އުޅޭ ވިޔަންސާއާއި 11 ޕޮއިންޓާއެކު އުޅޭ އޭވައިއެލްއެވެ. އެހެންނަމަވެސް ޕޮއިންޓުގެ ގޮތުން އޭވައިއެލްއާއި ވެލެންސިޔާ އެއްވަރު ވެފައި ވާތީ މިދެޓީމަށް ރެލިގޭޝަނުން ސަލާމަތް ވުމުގެ ފުރުޞަތު އެބޯތެވެ.