18 Jan 2017, 09:28
ވައިޓް ހައުސް (ޖަނަވަރީ 18) : އެމެރިކާގެ ރައީސުލްމުންތަޚަބް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގެ ޝަރުއިއްޔަތު (ލެޖިޓިމަސީ) ނަގާލުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރުން މަސައްކަތްކުރާ ކަމަށް ރަޝިޔާ އިން ކުރި ތުހުމަތުތައް އެމެރިކާ އިން ދޮގުކޮށްފި އެވެ.
އެމެރިކާގެ ރިޔާސީ މަރުކަޒު ވައިޓްހައުސްގެ ތަރްޖަމާން ޖޯޝް އާނެސްޓް ވިދާޅުވީ ޓްރަމްޕަކީ މިމަހުގެ 20 ވަނަ ދުވަހު އެމެރިކާގެ ވެރިކަމާ ހަވާލުވެ ވަޑައިގަންނާނެ އެމެރިކާގެ އައު ރައީސް ކަމަށް އޮބާމާގެ ސަރުކާރުން ގަބޫލުކުރާ ކަމަށާއި އެހެންކަމުން ޓްރަމްޕްގެ ޝަރުއިއްޔަތު ނަގާލުމަށް އޮބާމާގެ ސަރުކާރުން މަސައްކަތް ނުކުރާނެކަމުގަ އެވެ. ޓްރަމްޕް ހުވާކުރުމުގެ ރަސްމިއްޔާތަށް ހުރަސްއެޅުމަށް އެމެރިކާގެ އެތެރޭން ނުފޫޒުހުރި ބަޔަކު މަސައްކަތް ކުރަމުންގެންދާ ކަމަށް ޓްރަމްޕްގެ އިންތިގާލީ ޓީމުން ވަނީ ތުހުމަތުކޮށްފަ އެވެ.
ޓްރަމްޕް ހުވާކުރުމުގެ ރަސްމިއްޔާތަށް ހުރަސްއެޅުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ފަހަތުގައި ވަނީ އެމެރިކާގެ ނުފޫޒު ގަދަ މަހުޖަނެއްކަމަށްވާ ޖޯޖް ސޯރްސް ކަމަށާއި ސޯރްސް އަށް ނުސީދާ ގޮތެއްގައި އެމެރިކާގެ ކޮންގްރެސްގެ ނުފޫޒު ގަދަ ބައެއް މެންބަރުންނާއި އޮބާމާގެ ސަރުކާރުގެ ބައެއް ފަރާތްތަކުގެ އެހީތެރިކަން ލިބެމުންދާ ކަމަށް ޓްރަމްޕަށް ތާއީދުކުރާ ފަރާތްތަކުން ބުނެ އެވެ.
ޓްރަމްޕް ހުވާކުރުމުގެ ރަސްމިއްޔާތަށް އެންމެ ތިން ދުވަހަށް ވެފައިވާ އިރު ރަސްމިއްޔާތަށް ހުރަސްއެޅުމަށް ޓަކައި ޓްރަމްޕާ އިދިކޮޅު އެމެރިކާގެ އެތައް ބަޔަކު ގުޅިގެން ގެންދަނީ މުޒާހަރާތަކެއްކޮށް ހަމަނުޖެހުންތަކެއް ހިންގުމަށް ރާވަމުންނެވެ. މިކަންކަމުގެ އަޑީގައި އެމެރިކާގެ ކޮންގްރެސްގެ ނުފޫޒު ގަދަ ބައެއް މެންބަރުންނާއި ޖޯޖް ސޯރްސް ހުންނެވިކަމަށް ރިޕޯޓްތައް ބުނެ އެވެ.
މިކަންކަމާ ކުރިމަތިލުމަށް ޓަކައި ޓްރަމްޕަށް ތާއީދުކުރާ ފަރާތްތަކުން ވެސް އިދިކޮޅު މުޒާހަރާތަކެއް ކުރިޔަށްގެންދިޔުމަށް ރާވަމުންދާ ކަމަށް ޚަބަރުތައް ބުނެ އެވެ. ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވުމަށް ތައްޔާރުވަމުންދާ އިރު އެމެރިކާގެ އެންމެ ބާރުގަދަ މުއައްސަސާތަކާއި އޭނާ އާވަނީޖެހިފަ އެވެ. މީގެ ތެރޭގައި އެމެރިކާގެ ޖާސޫސީ އިދާރާތަކާއި ކޮންގްރެސްގެ ގިނަ މެންބަރުން ހިމެނެ އެވެ. އަނެއްކޮޅުން ކޮންގްރެސްގައި ހިމެނޭ ނުފޫޒު ގަދަ ބައެއް މެންބަރުން ވަނީ ޓްރަމްޕް ހުވާކުރުމުގެ ރަސްމިއްޔާތު ބޮއިކަޓްކުރުމަށް ނިންމަވާފަ އެވެ.
އެމެރިކާގެ ކަންކަންތައް މިހާރު ދާގޮތުން ތިން ވަނަ ދުނިޔޭގެ ގައުމުތަކުގައި ހިނގާ ވެރިކަމުގެ އަރާރުންތަކާއި އިދިކޮޅު ހަރަކާތްތަކުގެ ފެންވަރަށް އެމެރިކާގައި ވެސް މިހަރަކާތްތައް ހިނގައިދާނެކަމަށް ވަނީ ބެލެވިފަ އެވެ. މިކަންތައްތަކާގުޅިގެން ރަޝިޔާގެ ރައީސް މިވަނީ ޓްރަމްޕްގެ ވެރިކަމުގެ ޝަރުއިއްޔަތު ނަގާލުމަށާއި ޓްރަމްޕް ހުވާކުރުމުގެ ރަސްމިއްޔާތަށް ހުރަސްއެޅުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރުން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރައްވާފަ އެވެ. އަދި ޕޫޓިން ވަނީ ޓްރަމްޕްގެ ވެރިކަމާދެކޮޅަށް އިންގިލާބެއް ގެނައުމަށް އެމެރިކާގެ އެތެރޭން މަސައްކަތް ކުރާކަމަށް ވެސް ތުހުމަތު ކުރައްވާފަ އެވެ. (ނޫސްއެޖެންސީތައް)