ބަނގުރާކަމަށް ތުހުމަތުކުރެވޭ ދެ ފުޅިއާ އެކު ދެ މީހަކު ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އެ މައްސަލަ އާ ގުޅިގެން މި މަހުގެ 21 ވަނަ ދުވަހުގެރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ، ފުލުހުން ބުނި ގޮތުގައި، އުމުރުން 22 އަހަރުގެ މީހަކާއި 32 އަހަރުގެ މީހެކެވެ.

އެ މީހުންނާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ހުޅުމާލެ ފިތުރޯނު މަގުގައި ހުރި ގަސްތަކެއްގެ ތެރޭގައި ދަބަހެއް ބަހައްޓާފައި ދިޔަތަން، އެވަގުތު އެ ސަރަޙައްދު ޕެޓްރޯލްކުރަމުން ދިޔަ ފުލުހުންގެ ޓީމަށް ފެނިގެން ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ދަބަސް ޗެކްކުރި އިރު އޭގެތެރެއިން ބަނގުރާ ކަމަށް ތުހުމަތުކުރެވޭ ވޮޑްކާ ބްރޭންޑްގެ ދެ ފުޅި ވަނީ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނާއި ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓުން ތަޙްޤީޤްކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.