މުމްބާއީ (ޖެނުއަރީ 17): ސްޓާ އިންޑިއާ ނެޓްވޯކްގެ ކުރީގެ ސީއީއޯ، ޕީޓާ މުކަރްޖީ އާއި އޭނާގެ އަނބިމީހާ އިންދިރާނީގެ މައްޗަށް ޝީނާ ބޯރާ މަރާލިކަމުގެ ދައުވާ އުފުލައިފި އެވެ.

ޝީނާ އަކީ ކައިވެނިން ބޭރުން އިންދިރާނީ އަށް ލިބުނު ކުއްޖެކެވެ. ނަމަވެސް އިންދިރާނީ ބުނަމުން ދިޔައީ ޝީނާއަކީ އޭނާގެ ކޮއްކޮއެއް ކަމަށެވެ.

ޝީނާ މަރާލުމުގެ ކުށުގައި އިންދިރާނީ އާއި ޕީޓާގެ އިތުރުން، އިންދިރާނީގެ ކުރީގެ ފިރިމީހާ ސަންޖީވް ކަންނާއާ ދެކޮޅަށްވެސް މަރުގެ ދައުވާކޮށްފައިވެ އެވެ.

ޝީނާ މަރާލުމުގެ ތުހުމަތުގައި އިންދިރާނީ ހައްޔަރު ކުރީ 25 އޮގަސްޓު 2015ގަ އެވެ. އޭގެ އަނެއް ދުވަހު ހަމަ އެ މައްސަލާގައި ސަންޖީވް ކަންނާ ހައްޔަރު ކުރި އިރު ޕީޓާ މުކަރުޖީ ހައްޔަރު ކުރީ އޭގެ ފަހުން ނޮވެމްބަރު 2015ގައި އެވެ.

އިންދިރާނީ ހައްޔަރު ކުރީ 2012 ވަނަ އަހަރު ޝީނާ މެރުމުގައި ބައިވެރިވި ކަމަށް އިންދިރާނީގެ ކުރީގެ ޑްރައިވަރު، ޝާމްވަރު ރާއީ އެއްބަސްވުމުންނެވެ. އެ މައްސަލާގައި ޕީޓާ، އިންދިރާނީ އަދި ސަންޖީވް ކަންނާއާ ދެކޮޅަށް ހެކިބަސް ދޭނެ ކަމަށް ބުނުމުން ކޯޓުން ވަނީ ޝާމްވަރަށް މާފު ދީފަ އެވެ.

ޝާމްވަރު ބުނި ގޮތުގައި 24 އޭޕްރިލް 2012 ވަނަ ދުވަހު އިންދިރާނީއާ އެކު ކެއުމަކަށް ދިޔުމަށް އޭނާ ޝީނާއަށް ދައުވަތު ދިނެވެ. އަދި އެ ދެ މީހުން ބައްދަލު ކުރަން ނިންމި ތަނަށް ޝީނާ ގެންގޮސްދިނީ ޕީޓާ ކަމަށާއި އޭގެ ފަހުން ސަންޖީވް ވަނީ ކުއްޔަށް ހިފާފައިވާ ކާރެއްގައި ޝީނާ މަރާލާފަ ކަމަށް ޝާމްވަރު ބުންޏެވެ. އެވަގުތު އެކާރުގައި އޭނާ އާއި އިންދިރާނީ ތިބި ކަމަށް ވެސް އޭނާ އިއުތިރާފުވި އެވެ.

އޭގެ ފަހުން އެތިން މީހުން ވެގެން ޝީނާގެ ހަށިގަނޑު ޖަންގައްޔަކަށް ގެންދިޔުމަށް ފަހު އަންދާލީ ކަމަށް ފުލުހުން ބުންޏެވެ.

ޝީނާގެ ހަށިގަނޑު ވަނީ މަހާރަޝްތްރާ ސްޓޭޓްގެ ރައިގަޅު ޑިސްޓްރިކްޓުން ފެނިފަ އެވެ. އަދި ޑީއެންއޭ ޓެސްޓު ހެދުމުން އެއީ ޝީނާގެ ކަށިކަން ވަނީ ސާބިތުވެފައި އެވެ.

އިންޑިއާގެ ސީބީއައި އިން ބުނި ގޮތުގައި ޝީނާ މަރާލާފައި ވަނީ ޕީޓާ މުކަރްޖީގެ ދަރިފުޅު، ރާހުލް މުކަރްޖީއާ ޝީނާއާ ދެމެދު އޮތް ލޯބީގެ ގުޅުމުގެ ސަބަބުންނެވެ. ޕީޓާ އާއި އިންދިރާނީ ވަނީ އެގުޅުމާ ބެހޭ ގޮތުން ނުރުހުން ފާޅުކޮށްފައި ކަމަށް ސީބީއައި އިން ބުންޏެވެ.

އިންދިރާނީ މިހާރު ވަނީ 2002 ވަނަ އަހަރު އޭނާ ކައިވެނި ކުރި ޕީޓާ މުކަރުޖީގެ ފަރާތުން ވަރިވާން ބޭނުން ކަމަށް ބުނެފަ އެވެ. (އެންޑީޓީވީ)