18 Jan 2017, 09:10
ކާޑު އަގުބޮޑުވީމަވެސް އަގުބޮޑު ކޮއްލީ ގޭގެ ކުލީގެ އަގެވެ. ކަރަންޓު ބިލަށް ނުވަތަ ފެން ބިލަށް ބަދަލެއް އަޔަސް އަގު ބޮޑު ކޮއްލަނީ ގެކުއްޔެވެ. ޑޮލަރު ގަންނަން ލިބޭ އަގު ބޮޑު ވިޔަސް ނުވަތަ ދަރިޔަކު މީހަކާ އިންނަން ވިޔަސް އަނެއްކާ ވެސް އެބޮޑު ކޮއްލީ ގެ ކުއްޔެވެ. ކުރަން ޖެހޭ ހޭދަ ބޮޑުވާ ކޮންމެ ފަހަރަކު އެފައިސާ ހޯދަނީ ތިމާ ކުއްޔަށް ދީފައިވާ އިމާރާތުންނެވެ. މިއީ ކުއްޔަށް އުޅޭ ނިކަމެތިން އިތުރަށް ނިކަމެތިވާ ސަބަބެވެ.
ކާޑުގެ ބާވަތްތައް ވިއްކާނެ ވަކި އަގަކާއި ޓެކްސީ ފަދަ ހިދުމަތްތައް ދޭނެ ވަކި އަގެއް ގަވައިދުން ކަނޑައޭއިރު އެންމެންނާއި ގުޅިފައިވާ ބޯހިޔާވަހިކަމަށް އެފަދަ ގަވައިދެއް ތަންފީޒު މިވަނީ ނުކުރެވި އެވެ.
"ކޮންމެ މީހަކު ވެސް ބަލަނީ ކޮންމެވެސް ކަމަކާ ގުޅިގެން އުފެދޭ ހާލަތެއްގައި ވެސް ކުލީގެ އަގު ބޮޑުކުރަން، މިސާލަކަށް ކާޑުގެ ސަބްސިޑީ ޓާގެޓުވީމަ ވެސް ކުއްލިއަކަށް ކުލި އަގު ބޮޑުކޮށްލީ، މިއީ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން، އަންނަ ކޮންމެ ލޮޅުމަކަށް ކުއްޔަށް ބަދަލުގެނޭ،" ދައުލަތުގެ އިސްމަގާމެއްގައި ހުރި ފަރާތަކުން ވިދާޅުވި އެވެ.
އަސާސީ ހިދުމަތް ހޯދުމަށް މާލެ އައުމަށް މަޖުބޫރުކޮށް މިކަން މިހެން ހިންގަމުން އަންނައައުމަކީ މިގައުމުގެ ގިނަ އާއިލާތަކަށް އުފާވެރި ހަޔާތެއް ވޭތުކުރުމަށް އޮތް ހުރަހެވެ. ކުއްޔަށް ދިނުމުގައި ކިޔާނެ އަގެއް ކިޔުމުގެ ސިޔާސަތެއް ތަންފީޒު ކުރަނީ އެވެ. ތިރިވުމެއް ނެތި ގެދޮރުގެ އަގު ދަނީ މައްޗަށެވެ.
"ގޭ ވެރިމީހާއަށް ކުލި ދައްކަން ދާއިރު ނޫނީ އޭނަ ފޯނެއް ކޮށްފިއްޔާ ބިރުން ފިއްކަނޑައިގެން ދޭ، ހަމަ ބުނެލަފާނެ އަންނަ މަހުން ފެށިގެން މިހާވަރަށް ބޮޑުވިއްޔޭ، ދެން އެގްރިމެންޓެއް ހެދިޔަސް ވާކަމެއް ނޯވެ، މައްސަލައެއް ޖައްސައިފިއްޔާ ޖެހެނީ ނުކުމެގެންދާން، ދެން ވަންނާނެ ތަނެއް ނޯވެ،" އަނބިދަރިން ގޮވައިގެން މާލޭގައި ދިރިއުޅޭ، މުހައްމަދު އަލީ،32، ބުންޏެވެ.
ކުލި ކުޑަ ކުރަން ލުއިތަކެއް، ނަތީޖާއެއް ނުފެނޭ!
ކޮންސްޓުރަކްޝަން ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ކުލި އަގު ބޮޑު ކުރަން ޖެހޭ ސަބަބުތަކެއް ވެސް އެބައޮތެވެ. އެންމެ ބޮޑު އެއް ސަބަބެއް ކަމަށް ބުނަނީ ނަގާ ލޯނު ބޮޑުވުމެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން ހަމަހުރެފައި އަދަދުތަކެއް ކަނޑައަޅާފައި ހުންނަނީ ކަމަކަށް، އަޅުގަނޑު ގަބޫލް ކުރަނީ، ރާއްޖޭގެ ކުލިތައް ކަނޑައެޅިގެން މިދަނީ މާކެޓްގެ މި ސަޕްލައި އެންޑް ޑިމާންޑް ޕުލަސް އިންވެސްޓްމަންޓް ކޯސްޓްތަކަށް ބޭސްކޮށްގެން." މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ރައީސް މުހައްމަދު އަލީ ޖަނާހް ވިދާޅުވި އެވެ.
ލޯނުގެ ސަބަބުން އިމާރާތްތަކުގެ ކުލި އަގު ބޮޑުވާ ކަމަށް ބުނާ އިރު މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ބީއެމްއެލުން ދޫކުރާ ހައުސިންގް ލޯނުތައްކަމަށްވާ ހޯމް ލޯން، ހޯމް ކޮންސްޓްރަކްޝަން ލޯން އަދި ރިއަލް އެސްޓޭޓް ލޯންގެ އިންޓްރެސްޓް ރޭޓުން ވަނީ ދެ ޕަސެންޓް ކުޑަކޮށްފަ އެވެ. މި ތިން ލޯނު ވެސް އަނބުރާ ދެއްކުމުގެ މުއްދަތަކީ 20 އަހަރެވެ. އެކަމަކު އެއިން ލޯނެއް އަނބުރާ ދައްކާ އިރު، ގާތްގަނޑަކަށް ނެގި ލޯނުގެ ދެ ގުނަ ވަރު ދައްކަން ޖެހެ އެވެ.
"އިންޓްރަސްޓް ރޭޓަށް ގެނެވުނު ބަދަލާ އެކު އެވްރެޖްކޮށް ގެދޮރު ހެދުމަށް ނަގާ އަށް މިލިއަން ރުފިޔާގެ ހޯމް ކޮންސްޓްރަކްޝަން ލޯނަކުން ލޯނު އަނބުރާ ދެއްކުމަށް ލިބޭ މުއްދަތުގައި 1.8 މިލިއަން ރުފިޔާ ރައްކާކުރެވިގެންދާނެ. މިއީ ވަރަށް ބޮޑު ބަދަލެއް،" ބީއެމްއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ކޮންމެ އަކަސް ބަދަލުތައް ލޯނަށް ވެސް އެވަނީ ގެނެސްފަ އެވެ. ނަމަވެސް ގެދޮރުގެ އަގުތަކަށް އައިބަދަލެއް ހެޔޮ ބަދަލެއް ނުފެނެވެ. ދުވަހުން ދުވަހަށް އަގު ދަނީ މައްޗަށެވެ. އެހެންކަމުން އެގޮތުން ހައްލެއް ލިބުނު ކަމަކަށް ނުފެނެ އެވެ. ދެން އޮތީ ޑިމާންޑާ އެއްވަރަށް އިމާރާތްތައް ހެދުމެވެ.
ސަރުކާރުން ގެންގުޅުއްވާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން 2018 އަށް 15،000 ހައުސިން ޔުނިޓް ހުޅުމާލޭގައި އެޅުމަށް ބޭރުގެ ފަސް ކުންފުންޏަކާ ވަނީ ހަވާލުކޮށްފަ އެވެ. ސަރުކާރުން ލަފާ ކުރާ ގޮތުގައި އެ ފްލެޓްތަކުން 65000 އަށް ވުރެ ގިނަ މީހުންނަށް ބޯހިޔާވަހިކަން ލިބޭނެ އެވެ.
ހައްލަކީ ގާނޫނެއް!
ހަނޑޫ، ހަކުރު، ފުށް ހައްދާ ގައުމުތަކަށް ވުރެ ހެޔޮ އަގުގައި ދިވެހިންނަށް ލިބެނީ ދައުލަތުން ވަކި އުސޫލެއް ހަމަޖައްސައި ވަކި މިންވަރެއް ކަނޑައަޅާފައިވާތީ އެވެ. އެހެން ކަމުން ޖަރުމަނާއި ނެދަލެންސް އަދި އެމެރިކާ ފަދަ ބައެއް ގައުމުތަކުގައި ތަންފީޒު ކުރަމުން އަންނަ ފަދަ ކުލި ކޮނޓުރޯލް ކުރުމުގެ ގާނޫނެއް ފާސްކުރުމަކީ މިކަމަށް އޮތް ހައްލެއްކަމަށް ބެލެވެ އެވެ.
މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވި ގޮތުގައި އެންމެ ރަނގަޅު ގޮތަކީ ވަކި އަދަދަކަށް ވުރެ މައްޗަށް ކުލި ބޮޑު ނުކުރެވޭ ގޮތަށް ވަކި ލިމިޓެއް ކަނޑައެޅުމެވެ. އަދި ވަކި ގާނޫނެއް އެކުލަވާލުމުގެ ބަދަލުގައި ބިމާ ބެހޭ ގާނޫނަށް އިސްލާހު ގެނެސްގެން ކުލި ކޮންޓްރޯލް ކުރުން ރަނގަޅުކަމަށް ސުއޫދު ވިދާޅުވި އެވެ.
"ކުލި ކޮންޓްރޯލް ކުރުމަކީ މުހިންމު ކަމެއް ގާނޫނަކުން. އެއީ އެހެން ގައުމުތަކުގައި ވެސް އެބަހުރި އެކަން ކޮށްފައި. ރާއްޖޭގައި ވެސް ބިމާ ބެހޭ ގާނޫނަށް އިސްލާހު ގެނެސްގެން އަޕާ ލިމިޓެއް ކަނޑައެޅިދާނެ. ވަކި ވަރަކަށް ވުރެ ކުލި ބޮޑު ނުކުރެވޭ ގޮތަށް،" ސުއޫދު ވިދާޅުވި އެވެ.
ކުލި ކޮންޓުރޯލް ކުރުމަށް ޓެނެންޓް ގާނޫނެއް ވަނީ 2010 ހިސާބުގައި މަޖިލީހަށް ހުށައަޅާފަ އެވެ. ނަމަވެސް ފާސްކޮށްފައެއްނުވެ އެވެ. ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު ނިހާން ހުސެން މަނިކު ވިދާޅުވީ ގާނޫނަކުން ކުލި ކޮންޓުރޯލް ކުރަން ބަލާއިރު ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި ސަރުކާރުގެ ވިސްނުމަކީ ކުލި ބޮޑުވުމަށް ދިމާވާ ސަބަބުތަކަށް ހައްލެއް ގެނައުން ކަމަށެވެ.
"އަޅުގަނޑު ވެސް ގަބޫލް ކުރަން މާލޭގެ ކުލި ވަރަށް ބޮޑު، ގާނުނަކުން ކުލި ކޮންޓުރޯލް ކުރަން ވިސްނާއިރު ބަލަންޖެހޭ ކަންތައްތަކެއް އެބައޮތް، މިސާލަކަށް ގާނޫނަކުން މިހާވަރުގެ ތަނެއް މިހާވަރަށޭ މިހެން ބުނެ ނިންމާލުމަށް ހިފުމުގެ ކުރިން އެނަލައިޒް ކުރަން ޖެހޭ ކަންތައްތަކެއްވޭ،" ނިހާން ވިދާޅުވި އެވެ.
ގިނަ ތަންތަން ބޭންކު ލޯނު ހަދާފައިވާ އިރު ކުލި ގާނޫނަކުން ކޮންޓުރޯލް ކޮށްފިނަމަ އެ ލޯނު ދެއްކޭނެ ގޮތެއް ނެތިގެން ދަރަނިވެރިވާ ހާލަތައް އިމާރާތްތައް ހެދި ފަރާތްތައް ދާނެ ކަމަށް އެފަރާތްތަކުން ބުނާ ކަމަށް ނިހާން ވިދާޅުވި އެވެ. ނަމަވެސް ހައްދެއް ނެތި ކުލި ބޮޑުކުރަމުންދާތީ ދިރާސާތަކަކަށް ފަހު ކުއްޔާއި ބެހޭ ގާނޫނެއް އުފެއްދިދާނެ ކަމަށް ނިހާން ވިދާޅުވި އެވެ.
ކަން ހިނގަމުން ދަނީ އިންސާފަކުން ނޫނެވެ. އެއްވެސް ސަބަބެއް ނެތި ކުލީގެ އަގުތަކަށް ބަދަލު ގެންނަނީ ނިކަމެތި މީހާގެ ފަރާތުން ފައިދާތަކެއް ހޯދުމުގެ ގޮތުންނެވެ. މިމައްސަލަ ގައުމީ މައްސަލައެކެވެ. ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ތަހައްމަލް ކުރަމުން މިދާ ދަތިކަމަށް ހައްލެއް ގެންނަންޖެހެ އެވެ. ގާނޫނާއި ގަވައިދަކީ އާންމު ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދޭ އެއްޗަކަށްވާއިރު މިކަމަށް ގާނޫނީ ހައްލެއް މުހިންމެވެ.