17 Jan 2017, 13:45
ސީރިއާގައި ހިނގަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް ދާން މަސައްކަތް ކުރަނިކޮށް ތުރުކީއާއި ސީރިއާ ގުޅޭ ބޯޑަރު ކައިރިން ހައްޔަރު ކުރި ތިން މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.
ރާއްޖެއިން ބޭރުގައި ހިންގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ދިވެހިރާއްޖެ ދޫކޮށް ދިއުމުގެ ދައުވާ ދައުލަތުން އުފުލާފައި ވަނީ ލ. މާމެންދޫ މުގުރިގެ އަހުމަދު ލަތީފުއާއި ގދ. ރަތަފަންދޫ ނީލްވިލާ އަހުމަދު ސުލައިލް މޫސާގެ އިތުރުން ތ. ގާދިއްފުށި، ސީނަރީގޭ މުނައްވަރު އަބްދުﷲގެ މައްޗަށެވެ.
މިއަދު 11:00 އަށް ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފައި ވަނީ ދައުލަތުން އެދިގެން ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ. މިއަދުގެ އަޑުއެހުމަށް ތާވަލުކޮށްފައި ވަނީ ޖަވާބު ދާރީވުމާއި ހެކި ހުށަހެޅުމެވެ.
އެ ތިން މީހުންގެ މައްޗަށް ދައުލަތުން އުފުލި ދައުވާގައި ބުނެފައި ވަނީ ސީރިއާގައި ހިނގަމުންދާ ހަނގުރާމައެއްގައި ބައިވެރިވުމަށް ރާއްޖެ ދޫކޮށް ދިއުމަށް މަސައްކަތްކޮށް 15 ފެބުރުއަރީ 2016 ވަނަ ދުވަހު ތުރުކީއާއި ސީރިއާ ގުޅޭ ބޯޑަރު ކައިރިން އެ ތިން މީހުން ފެނިފައިވާ ކަމަށެވެ.
ދައުލަތުން އެ ތިން މީހުންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނުނުގެ 16 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެމާއްދާގެ ދެވަނަ ނަމްބަރުގެ (ނ) ގެ ދަށުންނެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނުނުގެ 16 ވަނަ މާއްދާގެ (ހ)
- އެހެންގޮތަކަށް ސާބިތުނުވާހާ ހިނދަކު، ދިވެހި ސަރުކާރުން ހުއްދަދޭ ހާލަތްތަކުގައި މެނުވީ، އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ކުރުމަކީ ކުށެކެވެ.
- ރާއްޖެ އިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ދިވެހިރާއްޖެ ދޫކޮށް ދިއުން.
މިދައުވާ ސާބިތު ވެއްޖެ ނަމަ 17 އަހަރާ 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނޭ ކަމަށް މި ގާނޫނުގައި ބުނެފައިވެ އެވެ.
ޕާކިސްތާނުގައި ނުވަ އަހަރުވަންދެން ހަނގުރާމަ ކުރިކަމުގެ ތުހުމަތުގައި އިތުރު މީހެއްގެއް މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާ އުފުލައިފަ އެވެ.