މިދިޔަ އަހަރުގެ އޮކްޓޫބަރު އަދި ނޮވެމްބަރު މަހުގައި ބޭއްވި ކޭމްބްރިޖް އޯލެވެލް އާއި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި އެވެ.

އޮންލައިންކޮށް މިއަދު 11:30ގައި ނަތީޖާ ދޫކުރަން ފަށާފައިވާ އިރު، އެ ނަތީޖާ ފެންނާނީ ހަމައެކަނި ސެންޓަރުތަކުގެ އިސްވެރިންނަށެވެ.

ޑިޕާޓުމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއޭ)އާ ހަވާލާދީ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އޮންލައިންކޮށް މިއަދު ނަތީޖާ ދޫކުރަން ފަށާފައިވާ އިރު، މާދަމާ އިމްތިހާނުތަކުގެ ސްލިޕް ދަރިވަރުންނަށް ދޫކުރަން ފަށާނެ ކަމަށެވެ.

ނަތީޖާ ދޫކުރުމަށް ހަމަޖެހިފައި ވަނީ މާދަމަ އިން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހާ ހަމައަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 8:30 އިން މެންދުރު 1:30 އަށެވެ.

ނަތީޖާގައި މައްސަލައެއްވާ ކަމަށް ޝައްކުވާ ކަމެއްވާ ނަމަ އަންނަ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން ލިޔުމަކުން ޑީޕީއޭ އަށް ހުށަހަޅަން ޖެހެ އެވެ. އަދި ނަތީޖާ ރީޗެކް ކުރަން ބޭނުންވާ ނަމަ އެކަމަށް އެދޭ ފޯމު ފުރުމަށް ފަހު ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހެ އެވެ.

މިދިޔަ އަހަރުގެ ކެމްބްރިޖް އޯލެވެލް އާއި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނުގައި ޖުމްލަ 7028 ދަރިވަރަކު ބައިވެރިވެފައިވެ އެވެ. އޭގެ ތެރެއިން ކޭމްބްރިޖް އިމްތިހާނު ހަދާފައި ވަނީ 6291 ދަރިވަރުންނެވެ. އަދި އެސްއެސްސީ އިމްތިހާނު ހަދާފައި ވަނީ 5677 ދަރިވަރުންނެވެ.