23 Jun 2011, 09:10
ޖަކާޓާ : ސަޢޫދީ ޢަރަބިޔާގައި މަސައްކަތްކުރާ އިންޑޮނީޝިޔާގެ އަންހެނަކަށް މަރުގެ އަދަބު ދިނުމުން އިންޑޮނީޝިޔާ ސަރުކާރުން ރުޅިވެރިކަމާއެކު އެކަން ކުށްވެރިކޮށްފިއެވެ.
އިންޑޮނީޝިޔާގެ ރައީސް ސުސީލިޔޯ ބަންބަން ޔުދިޔޯނޯގެ ތަރްޖަމާނަކު ވިދާޅުވީ ޖަކާޓާގައި ހުންނަވާ ސައޫދީ ސަފީރު މިކަމާގުޅިގެން އިންޑޮނީޝިޔާގެ ޚާރިޖިއްޔާއަށް ޙާޒިރު ކުރުމަށްފަހު ސަޢޫދީ ސަރުކާރުގެ މިޢަމަލަކީ ޖެނީވާ ކޮންވެންޝަނާ ޚިލާފު ޢަމަލެއް ކަމާއި މިކަން އިންޑޮނީޝިޔާ ސަރުކާރުން ވަރަށް ބޮޑަށް ކުއްވެރިކުރާ ކަން ސައޫދީ ސަފީރަށް އެންގިފައިވާ ކަމުގައެވެ.
ރުޔާތީ ބިންތި ސާޔޫތީ ނަމަކަށް ކިޔާ އިންޑޮނީޝިޔާގެ މި އަންހެންމީހާއަށް މަރުގެ އަދަބު ދީފައިވަނީ ޚާދިމާއެއްގެ ގޮތުގައި އޭނާ ގެންގުޅުނު ސަޢޫދީ އަންހެންމީހާ މަރާލި މައްސަލަ ސާބިތުވުމާ ގުޅިގެން ކޯޓުން އިއްވާފައިވާ މަރުގެ ޙުކުމް ތަންފީޒު ކުރުމުގެ ގޮތުން ކަމަށް ސަޢޫދީ ސަރުކާރުން ބުނެއެވެ. ޢުމުރުން 54 އަހަރުގެ މިއަންހެންމީހާގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒު ކޮށްފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.
ޚާދިމާއެއްގެ ގޮތުގައި ސާޔޫތީ ގެންގުޅުނު ސަޢޫދީ އަންހެންމީހާ މަރާލާ ހިސާބަށް ކަންތައްތައް ދިޔައީ ސަޢޫދީ އަންހެންމީހާގެ އަނިޔާވެރިކަން ބޮޑުވެ އޭނާގެ ކިބަިއން ސަލާމަތްވުމަށް ކުރި މަސައްކަތުގައި އަމިއްލަ ނަފްސުގެ ދިފާޢުގައި ކަމަށް ސަޔޫތީ ކޯޓުގައި ބުނެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.
ސަޢޫދީ އަރަބިޔާގެ ގެތަކުގައި ޚާދިމާއިންގެ ގޮތުގައި ގެންގުޅޭ ސްރީލަންކާއާއި އިންޑޮނީޝިޔާ ފަދަ ޤައުމުތަކުގެ އަންހެނުންނަށް އެމީހުންގެ އެންޕްލޮއިޔަރުން ކަމަށްވާ ސަޢޫދީ ރައްޔިތުންގެ ފަރާތުން އަނިޔާތަކާއި ޖިންސީ ގޯނާތައް ވަރަށް ފުޅާދާއިރައެއްގައި ކުރެވެމުންދާ ކަމުގެ ޝަކުވާ އެފަދަ އަންހެނުން ވަރަށް ގިނައިން ކުރަމުން ގެންދާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.
އިންޑޮނީޝިޔާގެ ރައީސްގެ ތަރްޖަމާން ވިދާޅުވީ ސަޢޫދީ ޤަނޫނަށާއި ޝަރުޢީ ނިޒާމަށް އިންޑޮނީޝިޔާ އިޙްތިރާމްކުރާ ކަމަށާ ނަމަވެސް އަންހެންމީހާއަށް މަރުގެ އަދަބު ތަންފީޒު ކުރުމުގެކުރިން ސައޫދީ ސަރުކާރުން އިންޑޮނީޝިޔާ ސަރުކާެރާ ވާހަކަ ދައްކާފައިނުވުމަކީ ޤަބޫލުކުރެވޭނެ ކަމެއްނޫން ކަމުގައެވެ. އަދި ސަޢޫދީ ސަރުކާރުން ކަންތައް ކޮށްފައިވަނީ އަނިޔާވެރި ގޮތެއްގައި ކަމަށް ބަލާނެ ޖާގައެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިމައްސަލައާގުޅިގެން އިންޑޮނީޝިޔާއިންވަނީ ރިޔާޒްގައި ހުންނަވާ އެޤައުމުގެ ސަފީރުވެސް މަޝްވަރާ ކުރުމަށްޓަކައި ވަގުތީގޮތުން އަނބުރައި ޤައުމަށް ގެނަސްފައެވެ.
އިންޑޮނީޝިޔާގެ 1.2 މިލިޔަން މީހުން ލޭބަރުންގެ ގޮތުގައާއި ޚާދިމާއިންނާއި ޚާދިމުންގެ ގޮތުގައި ސައޫދީ އަރަބިޔާގައި މަސައްކަތް ކުރެއެވެ. މެލޭޝިޔާގައިވެސް އިންޑޮނީޝިޔާގެ 2.2 މިލިޔަން މީހުން ލޭބަރުންގެ ގޮތުގައާއި ޚާދިމާއިންނާއި ޚާދިމުންގެ ގޮތުގައި މަސައްކަތް ކުރެއެވެ. -- އަލްޖަޒީރާ