17 Jan 2017, 12:18
މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި، އެމެރިކާގެ ފްލޮރިޑާ ސިޓީގެ އޯލެންޑޯ ސިޓީގެ ނައިޓް ކްލަބަކަށް ވަދެ ބަޑިން ހަމަލާދިން އުމަރު މަތީންގެ ހުވަފަތް އަނބިމީހާ ނޫރު ސަލްމާން ހައްޔަރުކޮށްފި އެވެ.
އޯލެންޑޯގެ "ޕަލްސް" ނަމަކަށް ކިޔާ ނައިޓްކްލަބަށް ވަދެ، 49 މީހަކު މަރުވި ހަމަލާ ދިން އުމަރު މަތީނަކީ ސެކިއުރިޓީ ގާޑެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ، އަގްފާނު ދަރިކޮޅުގެ އެމެރިކާ މީހެކެވެ. ނައިޓް ކްލަބަށް ވަދެ އޭނާ ހަމަލާ ދިނުމަށް ފަހު، އޯލެންޑޯގެ ފުލުހުން ވަނީ މަތީންގެ ގަޔަށް ބަޑިޖަހައި، އޭނާ މަރާލައިފަ އެވެ.
އެމެރިކާގެ އެފްބީއައިއިން މަތީންގެ ހުވަފަތް އަނބިމީހާ، ނޫރު ސަލްމާން ހައްޔަރުކުރީ ރޭގެ ވަގުތެއްގައި، ކެލިފޯނިއާގެ ސެން ފްރެންސިސްކޯއިންނެވެ.
ނޫރުގެ މައްޗަށް ކޮށްފައިވަނީ އަދާލަތު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ތުހުމަތާއި އައިއެސްއަށް ވާގިވެރިވުމަށް ޓަކައި މަތީން ރޭވި އަމަލުތަކަކަށް އެހީތެރިވެދީ، އެއްބާރުލުން ދިނުމުގެ ތުހުމަތެވެ.
ނޫރުގެ ވަކީލު ލިންޑާ މޮރޭނޯ ބުނި ގޮތުގައި، ނޫރުގެ މަރުވެފައިވާ ފިރިމީހާ، ބަޔަކަށް ހަމަލާ ދިނުމަށް ރޭވިކަން، ނުވަތަ އޭނާ އެފަދަ ހަމަލާއެއް ދޭނެކަން ލަފާކުރުމަށް ވެސް ނޫރަކަށް ނޭނގެ އެވެ. އަދި މަތީން ނޫރަށް ކުރާ އަނިޔާގެ ވާހަކަތައް ވެސް އެންމެންނާސް އެނގޭ ކަމަށާއި އެފަދަ މީހަކަށް އެހީތެރިވެދިން ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ދައުވާ އުފުލުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވަކީލު ބުންޏެވެ.
ނޫރު ސަލްމާން މިއަދު ކޯޓަށް ގެންދެވޭނެ ކަމަށް އޭނާގެ ވަކީލު ބުނެ އެވެ. އަދި އޭނާ ކެލިފޯނިއާ އިން ބޭރުކޮށް، އަނބުރާ ފްލޮރިޑާއަށް ފޮނުވާލެވޭނެ ކަަމށް ބެލެވޭ ކަމަށް ވެސް އޭނާ ބުންޏެވެ.
ނޫރު މީގެ ކުރިން ބުނެފައިވާ ގޮތުގައި، މަތީންގެ ހަމަލާތަކަށް ފަހު އޭނާއަށް އާންމުންގެ ފަރާތުން ކުރިމަތިވަމުން އައި ގޮންޖެހުންތަކާއި އުނދަގޫތަކާ ހެދި، މިހާތަނަށް ތިން ފަހަރެއްގެ މަތިން އޭނާ ވަނީ ދިރިއުޅޭ ތަން ބަދަލުކޮށްފަ އެވެ.
ޕަލްސް ނައިޓް ކްލަބަށް އާންމުކޮށް ދާ، އަދި ޖޫން މަހުގައި ދެވުނު ހަމަލާތަކުން ސަލާމަތްވި ބައެއް މީހުން ބުނާ ގޮތުގައި، މަތީންއަކީ މީގެ ތިން ހަފްތާ ކުރީއްސުރެ އެ ނައިޓް ކްލަބަށް ޒިޔާރަތް ކުރަމުން ދިޔަ މީހެކެވެ. މަތީން އެތަނަށް ގޮސް ބަނގުރާ ބޮއެ ހަދާ ކަމަށް ވެސް އެމީހުން ބުނެ އެވެ.