ބްރަސެލްސް (ޖެނުއަރީ 17): އެމެރިކާ އަށް އަންނަން އޮތް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އިސްރާއީލުގައި ހުންނަ އެ ގައުމުގެ އެމްބަސީ ގުދުސަށް ބަދަލުކުރުމަށް ރާވަމުން ދިޔުމުގެ ސަބަބުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިއްޔެ އޮތް ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން އީޔޫގެ ފޮރިން އެފެއާސް ޗީފް ފްރެޑްރިކާ މޮގެރީނީ ވަނީ ޓްރަމްޕް ސަރުކާރުން އެފަދަ ފިޔަވަޅެއް އަޅައިފި ނަމަ މުޅި ދުނިޔޭގެ ފާޑު ކިޔުންތައް އެމެރިކާ އަށް އަމާޒު ވާނެ ކަމަށް ވިދާޅުވެފަ އެވެ.

މޮގެރީނީ ވަނީ އެމެރިކާ އެމްބަސީ ގުދުސްއަށް ބަދަލު ކުރުން ވާނީ އދ.ގެ ގަރާރާ ހިލާފުވާ އަމަލަކަށް ކަމަށާއި އެހެންކަމުން އަރަބި ދުނިޔޭގެ އިތުރުން އެފްރިކާ، އޭޝިއާ އަދި ޔޫރަޕްގެ ބައެއް ގައުމުތަކުން ވެސް އެފަދަ ނިންމުމަކާ ދެކޮޅު ހަދާނެ ކަމަށް އޭނާ ލަފާ ކުރެއްވި އެވެ.

ނަވާރަސަތޭކަ ސާޅީހުގެ އަހަރުތަކުގައި ފަލަސްތީނުގެ ބިމުގައި އިސްރާއީލު އުފެއްދި އިރު، ފަލަސްތީނަށް ދިނީ ހުޅަނގު އައްސޭރިއާއި ޣައްޒާ އެވެ. ޤުދުސް ނުވަތަ ޖެރޫސަލެމް ސިޓީ ދެބައިކޮށް، ދެގައުމަށް ވެސް އެ ސިޓީގެ ބައެއް ދެވުނެވެ. އިސްރާއީލަށް ހުޅަނގު ގުދުސް ލިބުނު އިރު، ފަލަސްތީނަށް ލިބުނީ އިރުމަތީ ގުދުސް އެވެ.

ނަވާރަސަތޭކަ ފަސްދޮޅަހުގެ އަހަރުތަކުގައި އަރަބި އިސްރާއީލީ ހަނގުރާމައިގެ ތެރެއިން، އިސްރާއީލުން ވަނީ ޤުދުސްގެ، ފަލަސްތީނުގެ ފަޅި (އިރުމަތީ ޤުދުސް) ހިފައިފަ އެވެ. ނަމަވެސް އިރުމަތީ ގުދުސްއަކީ އިސްރާއީލްގެ ބިމެއް ނޫން ކަމަށް ބުނެ އދ.އިން ވަނީ 1980ގައި ގަރާރެއް ފާސްކޮށްފަ އެވެ.

އެހެންކަމުން އީޔޫ އިން އަމަލު ކުރާނީ އދ.ގެ ގަރާރާ އެއްގޮތަށް ކަމަށާއި އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލު ކުރި ނަމަވެސް އީޔޫގެ އެމްބަސީ ހުންނާނީ މިހާރު ވެސް އެ އެމްބަސީ ހުންނަ ތެލް އަވީވުގައި ކަމަށް މޮގެރީނީ ވިދާޅުވި އެވެ. (އޭއެފްޕީ)