ދުނިޔޭގެ އެންމެ މުއްސަނދި އަށް މީހުންގެ މިލްކިއްޔާތަކީ، ދުނިޔޭގެ އެންމެ ފަގީރު 3.6 މީހުންގެ އަތުގައި ހުރި ފައިސާއާ އެއްވަރެއްގެ އަދަދު ކަމާއި، ދުނިޔޭގެ މުއްސަނދިންނާއި ފަގީރުންގެ ދެމެދު އޮތް ބޮޑު ފަރަގު ހާމަވެއްޖެއެވެ.

ދުނިޔެއިން ފަގީރުކަން ނައްތާލުމަށް މަސައްކަތްކުރާ ޖަމިއްޔާ އޮކްސްފެމްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، ދުނިޔޭގެ 7.2 ބިލިޔަން މީހުންގެ ތެރޭގައި، އެންމެ ފަގީރު 3.6 ބިލިޔަން ރައްޔިތުންގެ މުއްސަނދިކަމުގެ ޖުމްލައާ، ދުނިޔޭގެ އެންމެ މުއްސަނދި އަށް މީހުންގެ މިލްކިއްޔާތާ އެއްވަރެވެ.

އޮކްސްފެމްއިން ބުނީ، ފަގީރުންނާއި މުއްސަނދިންނާ ދެމެދުގައިވާ ފަރަގު އޮތީ، ކުރިން ހީކުރި ވަރަށް ވުރެ ވެސް ބިރުވެރި ހާލަތެއްގައި ކަމަށެވެ.

ދުނިޔޭގެ އެންމެ މުއްސަނދި އަށް މީހުންނަކީ މައިކްރޮސޮފްޓްގެ ވެރިޔާ ބިލް ގޭޓްސް، އަމަންސިއޯ އޯޓެގާ، ވޮރެން ބަފެޓް، ކާލޯސް ސްލިމް، ޖެފް ބޭޒޯސް، ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގް، ލެރީ އެލިސަން އަދި ބްލޫމްބާގްގެ ވެރިޔާ މައިކަލް ބްލޫމްބާގެވެ. މިދިޔަ އަހަރު މާޗު މަހު ފޯބްސްއިން ނެރުނު ބިލިޔަނަރުންގެ ލިސްޓުގައިވާ ގޮތުން، މި އަށް ބިލިޔަނަރުންގެ މިލްކިއްޔާތުގައިވާ ޖުމްލަ ފައިސާއަކީ 427 ބިލިޔަން ޑޮލަރެވެ.

އިނގިރޭސިވިލާތުގެ އެޑަމް ސްމިތު އިންސްޓިޓިއުޓުގެ ހެޑް އޮފް ރީޒާޗް ބެން ސައުތުވުޑް ވިދާޅުވާ ގޮތުގައި، މުއްސަނދިންގެ މުއްސަނދިކަމަށް ވުރެ މުހިންމީ، ފަގީރުންނަށް ދޭ އެހީއާއި އިނާޔަތްތަކެވެ. އޭނާ ވިދާޅުވި ގޮތުގައި، ކޮންމެ އަހަރަކުވެސް ފަގީރުންގެ ވެލްފެއާގެ ކަންކަން ދަނީ ކުރިއަރައި، ރަނގަޅުވަމުންނެވެ.