ޗައިނާގައި ކޮމިއުނިޒަމްގެ ހަރަކާތުގައި އިސްކޮށް އުޅުއްވި، އަދި ޒަމާނީ ޗައިނާގެ ބާނީކަމުގައި ބަލައިގެންފައިވާ މާއޯ ޒެޑޮންގް (ޗެއާމަން މައޯ)އަކީ ޝައިތާނެއް ކަމަށް ބުނި، ޗައިނާ ސަރުކާރުގެ އޮފިޝަލަކު އޭނާގެ ވަޒީފާއިން ވަކިކޮށްފިއެވެ.

މާއޯއަކީ ޗައިނާގައި އިހުތިރާމު ލިބިގެންވާ ޝަޚުސިއްޔަތެކެވެ. އޭނާ 1976 ވަނަ އަހަރު އަވަހާރަވި ނަމަވެސް، ޗައިނާގެ ގިނަ ތަންތަނުގައި މާއޯގެ ފޮޓޯތައް ހަރުކޮށްފައިވާ އިރު، އޭނާއަށް ބޭއިހުތިރާމުކުރުމަކީ ކުށެއް ކަމަށް ބެލެވިފައިވެއެވެ.

މާއޯގެ އުފަން ދުވަހަކީ ޗައިނާގައި ކޮންމެ އަހަރަކުވެސް ޑިސެމްބަރު 26 ގައި ފާހަގަކުރާ ދުވަހެކެވެ.

ނަމަވެސް ޗައިނާގެ ހޭބެއި ޕްރޮވިންސްގެ ޝިޖިއަޖުއަންގް ސިޓީގެ އިސް އޮފިޝަލަކު ވަނީ، މާއޯއަކީ ޝައިތާނެއް ކަމަށާއި، އޭނާގެ އުފަންދުވަސް ކޮންމެ އަހަރަކު ފާހަގަކުރުމަކީ، މުޅި ދުނިޔޭގައިވެސް ކުރިޔަށްދާ އެންމެ ބޮޑު ކަލްޓް ހަރަކާތް ކަމަށް ބުނެފައެވެ.

ޝިޖިއަޖުއަންގް ސިޓީގެ ބިއުރޯ އޮފް ކަލްޗާ، ރޭޑިއޯ، ފިލްމް، ޓީވީ، ޕްރެސް އެންޑް ޕަބްލިކޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރު ޒުއޯ ޗުންހޭ، ޗައިނާގެ ސޯޝަލް މީޑިއާ "ސައިނޯ ވެއިބޯ"ގައި ފާޅުކުރެއްވި މި ޚިޔާލުތަކާ ގުޅިގެން، އޭނާ ވަނީ އޭނާގެ ވަޒީފާއިން ވަކިކޮށްފައެވެ.

އެ ބިއުރޯއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ، "ބަލައިނުގަނެވޭނެ ފަދަ ޚިޔާލުތަކެއް ފާޅުކުރުމުން"، ޒުއޯ ޗުންހޭ މަގާމުން ވަކިކޮށްފައިވާ ކަމަށާއި، އޭނާ ފާޅުކުރި ޚިޔާލުތަކަކީ ޗައިނާގައި އަމަލުކުރާ ސިޔާސީ އަޚުލާގާ ވަރަށް ބޮޑަށް ފުށުއަރާ ޚިޔާލުތަކެއް ކަމަށެވެ.

ޒުއޯ ޗުންހޭގެ ވެއިބޯ އެކައުންޓް މިހާރު ވަނީ ޑިލީޓު ކުރެވިފައި ކަމަށް ވެސް ބައެއް ނޫސްތަކުން ރިޕޯޓުކުރެއެވެ.

މިދިޔަ ޑިސެމްބަރު މަހު ފާހަގަކުރި މާއޯގެ 123 ވަނަ އުފަން ދުވަހަށް ފާޑުކިޔައި، ލިޔުމެއް އިންޓަނެޓުގައި ޝާއިއުކުރި ޗައިނާގެ ޕްރޮފެސަރަކުވެސް ވަނީ ވަޒީފާއިން ކަނޑާލައިފައެވެ.

ޗައިނާގައި ކުއޯމިންޓަންގް (ކޭއެމްޓީ)ގެ ނަމުގައި ނޭޝަނަލިސްޓް ފިކުރުގެ ފަރާތްތައް ހިންގި ސިޔާސީ ޕާޓީއިން ވެރިކަން ކުރަމުން ދިޔަ އިރު، ޗައިނާގެ ކޮމިއުނިސްޓް ޕާޓީ (ސީސީޕީ)އިން ވަނީ ކޭއެމްޓީއާ ހަނގުރާމަކޮށް، އެ ޕާޓީގެ އޮފިޝަލުން ޗައިނާއިން ބޭރުކޮށްލައިފައެވެ. އަދި އެއަށް ފަހު، 1949 ވަނަ އަހަރުން ފެށިގެން ޗައިނާގައި ވެރިކަން ކުރަނީ ސީސީޕީއިންނެވެ.

ސީސީޕީގެ ޗެއާމަނަކަށް ހުންނެވި މާއޯ ޒެޑޮންގް، 1954 ވަނަ އަހަރުން ފެށިގެން 1959 އާ ހަމައަށް ޗައިނާ ސަރުކާރުގެ ޗެއާމަންކަން (ރައީސްކަން)ވެސް ކުރެއްވިއެވެ. އަދި ސީސީޕީގެ ސަރުކާރުގެ ސިޔާސަތު ކަނޑައަޅާ، އެޕާޓީގެ ސެންޓްރަލް ކޮމިޓީގެ ޗެއާމަންކަމުގައި، 1945 ވަނަ އަހަރުން ފެށިގެން 1979 ވަނަ އަހަރު، އަވަހާރަވަންދެން މާއޯ ހުންނެވިއެވެ.