ވޮޝިންގޓަން : އެމެރިކާގެ ދިފާޢީ ވަޒީރު ކަމަށް ރައީސް ބަރަކް އޮބާމާ ޢައްޔަން ކުރައްވާފައިވާ ލިޔޮން ބެނީޓާއަށް އެމެރިކާގެ ސެނެޓުން ރުހުންދީފިއެވެ.

2009 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ޖާސޫސީ މަރުކަޒީ އިދާރާ (ސީ.އައި.އޭ.) ގެ ވެރިޔާގެ މަޤާމުގައި ހުންނެވި ލިޔޮން ބެނީޓާ، އެމެރިކާގެ ދިފާޢީ ވަޒީރަކަށް ހުންނެވުމަށް ރުހުންދީފައިވަނީ ސެނެޓްގެ އިއްތިފާޤުންނެވެ.

މިއީ ވަރަށް މަދުންނޫނީ އެމެެރިކާގެ ތާރީޚުގައި ނުވާކަމެއްކަމަށް މުރާސިލުން ބުނެއެވެ. އެމެރިކާގެ ދިފާޢީ ވަޒީރު ކަމުގެ މަޤާމާ ބެނީޓާ ޙަވާލުވެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

ބެނީޓާ މަޤާމާ ޙަވާލުވެ ވަޑައިގަތުމުން މިހާރުގެ ދިފާޢީ ވަޒީރު ކަމުގައި ހުންނެވި ރޮބަޓް ގޭޓްސް މުސްކުޅި ކުރައްވާނެއެވެ. ޢުމުރުން 73 އަހަރުގެ ބެނީޓާ އަކީ އެމެރިކާގެ ކޮންގްރެސްގެ މެންބަރުކަންވެސް ކުރިން ކުރައްވާފައިވާ ތަޖްރިބާކާރު ބޭފުޅެކެވެ.
ބެނީޓާ އަށްފަހު، ސީ.އައި.އޭ.ގެ ވެރިއަކަށް ރައީސް އޮބާމާ ޢައްޔަން ކުރައްވާފައިވަނީ އަފްޣާނިސްތާނުގައި ހުންނަވާ އެމެރިކާގެ ކޮމާންޑަރު، ޖެނެރަލް ޑޭވިޑް ޕެޓްރިޔޮސް އެެވެ. އޭނާވެސް ޖުލައިމަހުގެ ފުރަތަމަ ހަފްތާގައި އެމަޤާމާ ޙަވާލުވެ ވަޑައިގަންނަވާނެ ކަމަށް ޚަބަރު ލިބެއެވެ. - އަލްޖަޒީރާ