ކުރިން މެނެޗަސްޓާ ޔުނައިޓެޑް އާއި ބާސެލޯނާ އަދި ހޮލެންޑްގެ ގައުމީ ޓީމަށް ވެސް ކޯޗުކޮށްދީފައިވާ ވެން ހާލް 26 އަހަރަށް ފަހު ކޯޗިންގެ ދާއިރާ އިން ދުރަށް ދިޔަކަން އިއުލާން ކޮށްފި އެވެ.

އުމުރުން 65 އަހަރުގެ ވެން ހާލް ކޯޗިން ދާއިރާ އަށް ނިކުތުމުގެ ކުރިން 1972 އިން ފެށިގެން 1987 ވަނަ އަހަރާ ހަމައަށް ވަނީ ހޮލެންޑްގެ އެއް ވަނަ ޑިވިޝަނުގެ ފަސް ޓީމަކަށް ކުޅެފަ އެވެ.

މިޑްފީލްޑަރެއްގެ ގޮތުގައި ކުޅުނު ވެން ހާލްގެ ކޯޗިން ކެރިއަރު ފެށިފައި ވަނީ 1987 ވަނަ އަހަރު އޭޒެޑް އެފްސީއަށް ކުޅުނު ފަހު ސީޒަނުގައި އެޓީމްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ހަމަޖެއްސި ހިސާބުންނެވެ.

ވެން ހާލް ވަނީ އެޖެކްސްގައި ހޭދަކުރި ހަތް އަހަރުގެ ތެރޭގައި އެޓީމަށް ތިން ފަހަރު ލީގް ކާމިޔާބުކޮށްދީ އެއް ފަހަރު ޗެމްޕިއަންސް ލީގް ވެސް ކާމިޔާބުކޮށްދީފަ އެވެ.

ވެން ހާލް ވަނީ ދެފަހަރެއްގެ މަތިން ބާސެލޯނާއަށް ކޯޗުކޮށްދީ އެޓީމާ އެކު ދެފަހަރު ލީގް ކާމިޔާބުކޮށް ސްޕެނިޝް ކަޕާއި ޔުއެފާ ސުޕާ ކަޕް އެއް ފަހަރު އުފުލާލައިފަ އެވެ. ބަޔާން މިއުނިކްގެ ކޯޗުކަމުގައި ހޭދަކުރި ތިން އަހަރު ތެރޭގައި ވެން ހާލް ވަނީ އެޓީމާ އެކު ވެސް ޖަރުމަނު ލީގް ކާމިޔާބުކޮށްފަ އެވެ.

ވެން ހާލް ކޯޗުކޮށްދިން ކްލަބްތަކުގެ ތެރެއިން އެންމެ ދަށް ނަތީޖާތަކެއް ނުރުނީ އެންމެ ފަހުން އޭނާ ކޯޗުކޮށްދިން ޔުނައިޓެޑުންނެވެ. ޔުނައިޓެޑްގެ ކޯޗުކަމުން އެޓީމްގެ އެލެކްސް ފާގަސަން ވަކިވި ހިސާބުން 2014 ވަނަ އަހަރުގެ ޖުލައި 16ގައި ވެން ހާލް ވަނީ ޔުނައިޓެޑާ ހަވާލުވެފަ އެވެ. ނަމަވެސް ޔުނައިޓެޑްގައި އޭނާ ނެރުނު ދަށް ނަތީޖާތަކުގެ ސަބަބުން 2016 ވަނަ އަހަރުގެ މޭ މަހު 23ގައި ވެން ހާލް ވަނީ ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކޮށްފަ އެވެ. ޔުނައިޓެޑާ އެކު ވެން ހާލްއަށް ކާމިޔާބު ކުރެވުނީ އެފް އޭ ކަޕް އެކަންޏެވެ.

ވެން ހާލަކީ ހޮލެންޑްގައި ވެސް ކާމިޔާބު ކޯޗެކެވެ. އޭނާ ވަނީ ހޮލެންޑްގެ ގައުމީ ޓީމާ އެކު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވާދަކޮށް އެ މުބާރާތުގެ ތިން ވަނަ އެ ގައުމަށް ހޯދަދީފަ އެވެ. ބްރެޒިލްގައި ބޭއްވި އެ ވޯލްޑްކަޕްގެ ސެމީ ފައިނަލުން ހޮލެންޑް ކެޓީ ޕެނަލްޓީގައި އާޖެންޓީނާ އަތުން ބަލިވެގެންނެވެ. ނަމަވެސް ޖެހިގެން އައި ތިން ވަނަ ހޮވި މެޗުގައި ހޮލެންޑް ވަނީ ވަރުގަދަ ބްރެޒިލް 3-0ގެ ނަތީޖާ އަކުން ބަލިކޮށްފަ އެވެ.

ޔުނައިޓެޑްގެ ނެރުނު ދަށް ނަތީޖާތަކުގެ ސަބަބުން ވެން ހާލްއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް އޭނާއަކީ ކާމިޔާބު ނޫން ކޯޗެކޭ ބުނުމުގެ އެއްވެސް ޖާގައެއް ނެތެވެ. ޔުނައިޓެޑް ފިޔަވައި އޭނާ ކުރިން ކޯޗުކޮށްދިން ހަތަރު ކްލަބާ އެކު ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ. ކޯޗިންގެ ދާއިރާއިން ވެން ހާލް ރިޓަޔާކޮށްފައި މިވަނީ އޭނާ ފުޓްބޯޅައަށް ކޮށްދީފައިވާ ކަންތައްތައް ފާހަގަކުރުމުގެ ގޮތުން ހޮލެންޑް ސަރުކާރުން އޭނާ އަށް ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ދީފައި ވަނިކޮށެވެ.