ލަންޑަން(ޖަނަވަރީ 17): ފަލަސްތީނުގެ ބިމުގައި އިސްރާއީލަށް ދައުލަތެއް އުފައްދާދީފައިވާ ގޮތަށް ފަލަސްތީނަށް ދައުލަތެއް އުފައްދައި ދިނުމަށް އދ. އާއި ބައިނަލްއަގްވާމީ މުޖްތަމަޢުން ގެންގުޅޭ ވިސްނުމަށް އިނގިރޭސިވިލާތުން ދެކޮޅު ހަދާކަން ހާމަވެއްޖެއެވެ.

މިކަން ހާމަވީ އިސްރާއީލާއި ފަލަސްތީނުގެ ސުލްހައާބެހޭގޮތުން ޕެރިހުގައި ބޭއްވި ބައިނަލްއަގްވާމީ މަހާސިންތާއިން ނެރުނު ގުޅިފައިވާ ބަޔާނުގައި ސޮއިކުރުމަށް އިނގިރޭސިވިލާތުން ދެކޮޅު ހެދުމުންނެވެ. މިބަޔާން ގޮވާލަނީ ފަލަސްތީނުގެ ބިމުގައި އިސްރާއީލަށް ދައުލަތެއް އުފައްދާދީފައިވާ ގޮތަށް ފަލަސްތީނަށްވެސް ދައުލަތެއް އުފައްދައި ދިނުމަށާއި އެކަމުގެ ޖާމިނުވުން ދިނުމުގެ މައްޗަށެވެ.

މި ބަޔާނުގައި އެމެރިކާވެސް ވަނީ ސޮއިކޮށްފައެވެ. ފަރަންސޭސި ރައީސް ފޮންސުވާ އޮލާންދް އިސްނަންގަވައިގެން މިހަފްތާގެ ކުރީކޮޅު ޕެރިހުގައި ބޭއްވި ދެދުވަހުގެ މަހާސިންތާގައި ދުނިޔޭގެ 70 ގައުމަކުން ބައިވެރިވިއެވެ. އަދި މި މަހާސިންތާއިން ނެރުނު ގުޅިފައިވާ ބަޔާނުގައި މި 70 ގައުމުގެ ތެރެއިން އިނގިރޭސިވިލާތް ފިޔަވައި އެހެން ހުރިހާ ގައުމުތަކަކުންވެސް ސޮއިކުރިއެވެ.

ޕެރިހުގައި ބޭއްވި މަހާސިންތާގެ ބައިވެރިން

އިނގިރޭސި ސަރުކާރުން މިބަޔާނުގައި ސޮއިނުކުރީ މި މަހާސިންތާއަކީ ފަލަސްތީނުގެ މައްސަލާގައި އެމެރިކާގެ ރައީސުލްމުންތަޚަބް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ގެންގުޅޭނެ ސިޔާސަތެއް ނޭނގޭކަމަށްބުނުމުގެ އިތުރުން މިމަހާސިންތާގައި އިސްރާއީލު ބައިވެރި ނުވާތީއެވެ. މި މަހާސިންތާގައި އިސްރާއީލު ބައިވެރިނުވީ އަމިއްލައަށެވެ. ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް މި މަހާސިންތާއިން ބާރުއަޅާނެތީއާއި ފަލަސްތީނުގެ ހިފާފައިވާ ބިންތަކުން އދ.ގެ ގަރާރުތަކާއެއްގޮތަށް ފޭބުމަށް މި މަހާސިންތާއިން އިސްރާއީލަށް ގޮވާލާނެތީއެވެ.

ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން މި މަހާސިންތާ ބޭއްވީ ފަލަސްތީނުގެ ބިމުގައި އިސްރާއީލަށް ދައުލަތެއް އުފައްދާދީފައިވާ ގޮތަށް ފަލަސްތީނަށް ދައުލަތެއްވެސް އުފައްދަންޖެހޭކަން ބައިނަލްއަގްވާމީ މުޖްތަމައު ގަބޫލުކޮށް މިކަމުގެ ޖާމިނުވުން ދޭކަން ޓްރަމްޕަށް ވިސްނައިދިނުމުގެ ބޭނުމުގައެވެ.

ޓްރަމްޕް ފަލަސްތީނާމެދު ގެންގުޅޭނެ ސިޔާސަތެއް ސާފުވެފައި ނުވާއިރު ފަލަސްތީނުގެ ބިމުގައި ފަލަސްތީނަށްވެސް ދައުލަތެއް އޮންނަންޖެހޭނެ ކަމަށް އެއްފަހަރުވެސް އޭނާ ވިދާޅުވެފައެއް ނުވެއެވެ. އަދި ޓްރަމްޕް ވަނީ 1976 ގެ ހަނގުރާމައިގާ އިސްރާއީލުން ހިފާފައިވާ ގުދްސަށް އެމެރިކާގެ އެންބަސީ ބަދަލުކުރާނެކަމަށްވެސް ވިދާޅުވެފައެވެ. އެމެރިކާގެ އެންބަސީ މިހާރު ހުންނަނީ އިސްރާއީލުގެ ޓެލްއަވީވްގައެވެ.

ފަލަސްތީނުގެ ބިމުގައި އިސްރާއީލަށް ދައުލަތެއް އުފައްދާދީފައިވާ ގޮތަށް ފަލަސްތީނަށް ދައުލަތެއް އުފެއްދުމަށް އދ. އާއި ބައިނަލްއަގްވާމީ މުޖްތަމަޢުން ގެންގުޅޭ ވިސްނުމަށް އިނގިރޭސިވިލާތުން ދެކޮޅު ހަދާކަން ހާމަވެފައިމިވަނީ އިނގިރޭސިވިލާތުގެ ސިޔާސަތު ފަލަސްތީނާ ދެކޮޅަށް އަނބުރާލުމަށްޓަކައި އިނގިރޭސިވިލާތުގައި ޔަހޫދީންގެ ލޮބީ ގްރޫޕެއް މަސައްކަތްކުރަމުން ގެންދާކަން އަލްޖަޒީރާއިން ދާދިފަހުން ފަޅާއަރުވާލުމާ ގުޅިގެންނެވެ.

އަލްޖަޒީރާއިން ތައްޔާރުކުރި ޑޮކިއުމެންޓްރީއެއްގައި، ލަންޑަންގައި ހުންނަ އިސްރާއީލުގެ އެންބަސީގެ އޮފިޝަލަކުވަނީ ފަލަސްތީނުގެ ހައްގުތަކަށް ތާއީދުކުރާ އިނގިރޭސިވިލާތުގެ މަސްއޫލުވެރިން ބްލެކްމޭލް ކުރުމަށް މަސައްކަތްކުރާ ކަމަށް ވިދާޅުވެ ރައްޓެއްސެއްގެ ކައިރީގައި ދެއްކެވި ވާހަކަތަކެއް ބޭޒާރުކޮށްލާފައެވެ. މި މައްސަލާގައި ލަންޑަންގައި ހުންނަވާ އިސްރާއީލުގެ ސަފީރު ވަނީ އިނގިރޭސި ދައުލަތުގެ ކިބައިން މަޢާފަށްވެސް އެދިވަޑައިގެންފައެވެ. އިނގިރޭސިވިލާތަކީ ފަލަސްތީނުގެ ބިމުގައި ފަލަސްތީނަށް މިނިވަން ދައުލަތެއް އުފައްދައި ދިނުމުގެ ސިޔާސަތަށް މިހާތަނަށް ތާއީދު ކުރަމުން އައި ގައުމެކެވެ.

މިސިޔާސަތު ބަދަލުކުރިކަން އިނގިރޭސި ސަރުކާރުން ރަސްމީ ސިފައެއްގައި ހާމަނުކުރި ނަމަވެސް އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ ގެ ސަރުކާރުން ގެންގުޅެނީ ފަލަސްތީނުގެ މިނިވަން ދައުލަތާ އިދިކޮޅު ސިޔާސަތެއްކަން މިހާރުދަނީ ހާމަވަމުންނެވެ.

ފަލަސްތީނުގެ ބިމުގައި ވަޒަންވެރިވުމުގެ ފުރްސަތު ޔަހޫދީންނަށް ދިނީވެސް އިނގިރޭސިވިލާތުގެ އަތްދަށުގައި ފަލަސްތީނުގެ ބިން އޮތް ދުވަސްވަރުއެވެ. މިކަމަށް ހުއްދަދިނީ އޭރުގެ ބައިނަލްއަގްވާމީ ގާނޫނާވެސް ޚިލާފަށެވެ. އިނގިރޭސި ސަރުކާރުން ފަލަސްތީނުގެ ބިމުގައި ވަޒަންވެރިވުމުގެ ފުރްސަތު ޔަހޫދީންނަށް ދިނީ ބެލްފޯރ ޑެކްލަރޭޝަންގެ ދަށުންނެވެ. އެއީ 1917 ވަނަ އަހަރުގައެވެ. (ނޫސްއެޖެންސީތައް)