17 Jan 2017, 08:53
ބޮލުން އިސްތަށި ފޭބުމަކީ ދެ ޖިންސުގެ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ދިމާވާ މައްސަލައެކެވެ. ބޮލުން އިސްތަށި ފައިބަން މެދުވެރިވާ ގިނަ ސަބަބުތަކެއް ހުރެ އެވެ. މިސާލަކަށް، ބޭނުން ކުރާ ބޭހެއްގެ ސަބަބުން، ސިއްހަތަށް ގެއްލުންވާ ކާނާ މާ ގިނައިން ކެއުން ނުވަތަ ބައްޔެއްގެ ސަބަބުން ވެސް ބޮލުން އިސްތަށި ފޭބުމަކީ އެކަށީގެންވާ ކަމެކެވެ.
ބޮލުން އިސްތަށި ފޭބުން ހުއްޓުވުމަށް، ބައެއް މީހުން އަގުބޮޑު ޓްރީޓްމަންޓްތައް ނަގައެވެ. ނަމަވެސް މިއީ ޚަރަދު ކުޑަ ގޮތަކަށް ވެސް ހައްލު ކުރެވިދާނެ މައްސަލަ އެކެވެ. އެގޮތުން ކެއުމުގައި ވަކި ކަހަލަ ކާނާތައް ހިމެނުމަކީ ކުރެވިދާނެ، ފަސޭހަ ކަމެކެވެ.
ބޮލުން އިސްތަށި ފޭބުން ހުއްޓުވުމަށް އެހީތެރިވެދޭ ބައެއް ކާނާ:
1. ކެރެޓު:
ކެރެޓަކީ އާންމުކޮށް ބަރުދަން ލުއި ކުރުމަށް ބޭނުން ކުރާ ކާނާ އެއް ނަމަވެސް، ކެއުމުގައި ގިނައިން ކެރެޓު ބޭނުން ކުރުމަކީ އިސްތަށިގަނޑަށް ވެސް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެކެވެ. ކެރެޓަކީ އިސްތަށިގަނޑު ވަރުގަދަ ކޮށްދީ އަދި އިސްތަށިގަނޑުގެ ހެދި ބޮޑުވުން ވެސް އަވަސްކޮށްދޭ ތަރުކާރީ އެކެވެ.
2. ފޭރު
ފޭރަކީ ވިޓަމިން ސީ ގިނަ އަދަދަކަށް އެކުލެވޭ މޭވާ އެކެވެ. ފޭރު ކެއުމުގެ ސަބަބުން އިސްތަށިގަނޑު ކިފުޅިވުމުން ދުރުކޮށްދެ އެވެ.
3. ބިސް
ބިހަކީ އިސްތަށިގަނޑަށް އެންމެ ފައިދާ ކުރާ އެއް ކާނާ އެވެ. ބިހުގައި ގިނަ އަދަދެއްގެ ޕްރޮޓީން އެކުލެވޭ އިރު، ޕްރޮޓީން އަކީ އިސްތަށިގަނޑަށް މުހިންމު މާއްދާ އެކެވެ.
4. ވޯލްނަޓްސް
ވޯލްނަޓް އަކީ ގިނަ އަދަކަށް އޮމެގާ 6 އެކުލެވޭ ކާނާ އެކެވެ. އޭގެ އިތުރުން، ވޯލްނަޓްގައި ޒިންކް، ޕްރޮޓީން، ވިޓަމިން ބީ އަދި ދަގަނޑުގެ މާއްދާ ވެސް ގިނަ އެވެ. އެހެންކަމުން ވޯލްނަޓް ބޭނުން ކުރުމަކީ އިސްތަށި ފޭބުން ދުރުކޮށްދީ، އިސްތަށިގަނޑު ވަރުގަދަވުމަށް އެހީތެރިވެދޭނެ ކަމެކެވެ. ނަމަވެސް މާ ގިނަ އިން ވޯލްނަޓްސް ބޭނުން ކުރުމަކީ އިސްތަށި ފޭބުން އިތުރު ވާ ކަމެކެވެ. އެހެންކަމުން އެކަށީގެންވަނި ހަފްތާ އެއްގެ މައްޗަށް މުށެއްގެ ވޯލްނަޓް ބޭނުން ކުރުމެވެ.