ޕާކިސްތާނުގެ ކުޅަދާނަ ލަވަކިޔުންތެރިޔާ، އާތިފް އަސްލަމް އޭނާގެ ޝޯއެއް މެދުކަނޑާލުމަށް ފަހު، ފިރިހެނުންތަކެއްގެ ފުރައްސާރަ ލިބެމުން ދިޔަ އަންހެން ކުއްޖަކު ސަލާމަތް ކޮށްފި އެވެ.

ޕާކިސްތާނުގެ ކަރާޗީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކުރިއަށް ދިޔަ ޝޯއެއްގެ ތެރެއިން ހިނގައި ދިޔަ ހާދިސާގެ ވީޑިއޯއެއް މިހާރު އަންނަނީ ދައުރުވަމުންނެވެ.

އެ ވީޑިއޯ އިން ފެންނަ ގޮތުން، އާތިފް އަސްލަމް ލަވަ ކިޔަމުން ދަނިކޮށް، ޝޯ ބަލަން ތިބި މީހުންގެ ތެރޭގައި ހުރި އަންހެން ކުއްޖަކަށް ފިރިހެން ގްރޫޕަކުން ފުރައްސާރަ ކުރާ މަންޒަރު ފެނި، އާތިފް ވަނީ ލަވަ ކިޔުން ހުއްޓާލުމަށް ފަހު، އަންހެން ކުއްޖާއަށް އެހީތެރިވެ ދީފަ އެވެ.

"ދުވަހަކު ވެސް އަންހެން ކުއްޖަކު ނުދެކެންތަ؟ މިތަނުގައި ތި މީހުންގެ މަންމަ ނުވަތަ އަންހެން ކޮއްކޮ ވެސް ހުރުން އެކަށީގެންވާ،" އަންހެން ކުއްޖާ އަށް ފުރައްސާރަ ކުރަމުން ދިޔަ މީހުންނާ ދިމާލަށް އާތިފް އަސްލަމް ބުނާ އަޑު އިވެ އެވެ.

އެއަށް ފަހު އާތިފް ވަނީ ސެކިއުރިޓީ އޮފިސަރުން ގާތު ބުނެގެން އަންހެން ކުއްޖާ އެތަނުން ނެރެ، އެމީހުންނާ ދުރަށް ގެންގޮސްފަ އެވެ.

އެ ހާދިސާ އަށް ފަހު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ އާތިފް އަށް ތައުރީފު ކުރަމުންނެވެ.