17 Jan 2017, 08:51
މިފަހަކަށް އައިސް ޔޫރަޕްގެ އެންމެ ވަރުގަދަ ލީގުތަކާއި ކްލަބްތަކަށް ދިމާވެފައި އޮތް ބިރުވެރިކަމަކީ އެ ޓީމުތަކުގައި ހިމެނޭ މޮޅެތި ކުޅުންތެރިން ބޮޑު އަގުގައި ބޮޑު މުސާރައަކަށް ޗައިނާގެ ކްލަބްތަކުން ގެންދާ މައްސަލައެވެ.
ނަމަވެސް ޗައިނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން މިހާރު ވަނީ ސުޕަ ލީގުގައި ކުޅޭ ކޮންމެ މެޗެއްގައި ވެސް އެއް ޓީމަކުން އެއްފަހަރާ ކުޅެވޭނެ ޗައިނާ ނޫން ކުޅުންތެރިންގެ އަދަދު ތިނަކަށް ތިރިކޮށްފައެވެ.
ކުރިން ނަމަ މެޗެއްގައި '4+1' (އޭޝިއާގެ އެއް ކުޅުންތެރިޔަކާއި އެހެނިހެން ގައުމުތަކުގެ ހަތަރު ކުޅުންތެރިން) ކުޅެވޭނެއެވެ. އެހެން ކަމުން ޗައިނާގެ ބޮޑެތި ވިޔަފާރި ވެރެން އިސްވެ ހިންގާ ކްލަބް ތަކުން އައީ ބޮޑު އަގުގައި ޔޫަރަޕުން ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް އެ ޓީމުތަކަށް ގެންނަމުންނެވެ.
ޗައިނާ އެފްއޭއިން ބޭރު ގައުމުތަކުގެ ކުޅުންތެރިންގެ އަދަދު ތިން ކުޅުންތެރިންނަށް މަދުކުރުމަށް ނިންމީ އެ ގައުމުގެ ކުޅުންތެރިންނަށާއި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ގެއްލިދާނެ ކަމުގެ ބިރު ހީވެ ދަށް ލީގުތަކަށް ބިރު ބޮޑުވުމުންނެވެ.
އާ ގަވާއިދުގެ ދަށުން ޓީމުތަކުން ކޮންމެ މެޗަކަށް ވެސް 23 އަހަރުން ދަށުގެ ޗައިނާ ކުޅުންތެރިއަކު ހިމަނަން ލާޒިމް ވާނެއެވެ. އަދި އޭގެ ތެރެއިން އެއް ކުޅުންތެރިޔަކު ފުރަތަމަ 11ގައި ވެސް ހިމަނަން ޖެހޭނެ އެވެ.
މި މަހު އެކަނި ވެސް ޗައިނާގެ ދެ ކްލަބަކުން ވަނީ ޗެލްސީގެ މިޑްފީލްޑަރު އޮސްކާ އާއި ޖޯން މައިކަލް އޮބިގެ ސޮއި ހޯދައިފައެވެ. އަނެއް ކޮޅުން ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިއެއްގެ ގޮތުގައި މެންޗަސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވާޑްް ކާލޯސް ޓެވޭޒް ވަނީ ޗައިނާގެ ޝަންހައި ޝެންހުއާއަށް ބަދަލުވެފައެވެ.
އާ ގަވާއިދުގެ ދަށުން އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ އެއް ކްލަބަކީ ވެސް ޝެންހުއާއެވެ. ސަބަބަކީ އެ ޓީމުން ވަނީ މިހާތަނަށް ޔޫރަޕްގެ ހަ ކުޅުންތެރިޔަކު ގެންގޮސްފައެވެ. އޭގެ ތެރޭގައި ޓެވޭޒް އާއި ކުރީގެ ޗެލްސީ ފޯވާޑް ޑެމްބާ ބާ އާއި ނިއު ކާޝަލްގެ ކުރީގެ ސްޓްރައިކަރު އޮބެފާމީ މާޓިންސް ހިމެނެއެވެ.