22 Jun 2011, 18:53
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އާއި މައިނޯރިޓީ ބަދަލުވެފައި ވުމުން ކޮމެޓީތަކުގެ މަސައްކަތް ނުފެށި ގިނަ ދުވަސް ވެގެންދާތީ ބައެއް މެންބަރުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް އެކުމުގެ ޝަކުވާ ކުރަންފަށައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ މެންދުރު ފަހުގެ ދަންފަޅީގައި ވޯޓަށް އެހުމުގެ މަރުހަލާ ނިންމުމާ އެކު މެންބަރުން ނިޒާމީ މައްސަލަތައް ނަންގަވައި ރިޔާސަތުގެ ސަމާލު ކަމަށް ގެނައީ ކޮމެޓީތައް ހުއްޓިފައިވާ މައްސަލަ އެވެ. އަދި އެ ނިޒާމީ އޮވައިރުގައި މިއަދުގެ މަޖިލިސް ޖަލްސާ ވަނީ ވަނީ ހުއްޓާލާފަ އެވެ.
ނިޒާމީ މައްސަލައެއްގައި މަނަދޫ ދާއިރާގެ މެންބަރު މުހައްމަދު ތޯރިގު ވިދާޅުވީ މަޖިލީހުގެ ގިނަ މަސައްކަތްތަކެއް ކުރަމުންދަނީ ކޮމެޓީތަކުގައި ކަމަށާއި ނަމަވެސް ކޮމެޓީތަކުގެ މަސައްކަތްތައް ނުފެށި ގިނަ ދުވަސްވެގެންދާ މައްސަލަ މަޖިލީހުގެ މެންބަރުންނަށް އަބްދުﷲ ޝާހިދު ވަކިއެއްޗެއް އަންގާފައި ނުވާ ކަމަށް ވިދާޅުވެ އޭނާ ކަންބޮޑުވުންފާޅުކުރެއްވި އެވެ.
ރިޔާސަތުގައި އިންނަވައިގެން އަބްދުﷲ ޝާހިދު ވިދާޅުވީ ކޮމެޓީތަކުގެ މަސައްކަތްތައް ފެށުމަށްޓަކައި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ވެރިންނާ ވާހަކަފުޅުދައްކަވަމުން ގެންދަވާ ކަމަށެވެ. އަދި އެ ކޮމެޓީތަކަށް މެންބަރުން އަލުން އައްޔަންކުރުމުގެ މައްސަލައަކީ ވަރަށް "ހައްސާސް" މައްސަލައެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.
"އަޅުގަނޑު ޕާޓީތަކުގެ އިސްވެރިންނާ އެކު ކުރަމުންދާ މަސައްކަތް އިއްޔެ އާއި މިއަދު ވެސް އަދި އޭގެ ކުރީ ދުވަސްތަކުގައި ވެސް ކުރަމުން މިގެންދަނީ.. މިކަން ކުރަމުން ގެންދިއުމުގައި އިއްޒަތްތެރި މެންބަރުންގެ ޕާޓީތަކުގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުންނަށް މި މަސައްކަތް ކުރަމުންދާގޮތް އެގިވަޑައިގަންނަވާނެ،" ތޯރިގަށް ޖަވާބުދާރީވަމުން ޝާހިދު ވިދާޅުވި އެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ރައީސް ރީކޯ މޫސަ މަނިކު ވިދާޅުވީ ކޮމެޓީތަކުގެ މަސައްކަތް ހުއްޓިފައި ވަނީ އެމްޑީޕީ އަށް ކޮމެޓީތަކުގެ މެޖޯރިޓީދޭން ޑީއާރްޕީ/ޕީއޭ ކޯލިޝަނުން އެއްބަސް ނުވާތީ ކަމަށެވެ. އަދި ކޮމެޓީތަކުގެ މަސައްކަތް ނުފެށިފައި ވަނީ އެ ސަބަބާ ގުޅިގެން ކަމަށް އަބްދުﷲ ޝާހިދު މެންބަރުންނަށް އަންގައިދޭންވާނެ ކަމަށް މޫސަ ވިދާޅުވި އެވެ.
"މިއަދު ވެގެން މިއުޅޭ ގޮތަކީ އެމްޑީޕީ އަށް މަޖިލީހުގައި މެޖޯރިޓީ ލިބުނީމަ ކޮމެޓީތަކުން މެޖޯރިޓީ ދޭން ޑީއާރްޕީ ޕީއޭ ގަބޫލު ނުވެގެން އުޅޭ ވާހަކަ )އަބްދުﷲ ޝާހިދު( ވިދާޅުވުން ވަރަށް ރަގަނޅުވާނެ. ކޮންމެ ގޮތެއް ވިޔަސް ކޮމެޓީތަކުގައި މެޖޯރިޓީ މިއަދު އެމްޑީޕީއަށް ލިބެންޖެހޭނެ،" މޫސަ ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގެ މެންދުރު ފަހު ދަންފަޅީގައި މެންބަރުން ނިޒާމީ މައްސަލަ ނަންގަވަން ފައްޓަވާފައި ވަނިކޮށް އަބްދުﷲ ޝާހިދު ވަނީ ރިޔާސަތު ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދާ ހަވާލުކުރައްވައިފަ އެވެ. އަދި އަލީ މުހައްމަދަށް މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ވެސް ބިލްތަކުގެ ބަހުސް މަރުހަލާ ކުރިއަށް ގެންދަވަން ފެއްޓެވުމުން ވެސް ބައެއް މެންބަރުން ނިޒާމީ މައްސަލަ ނަންނަގަވައި މަޖިލީހުގެ ނިޒާމް ގެއްލުވާލުމުން މިއަދުގެ ޖަލްސާ ވަނީ 2:20 އެހާކަންހާއިރު ނިންމަވާލައްވާފަ އެވެ.