16 Jan 2017, 21:58
މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަންގެ އެންމެ މޮޅު ކޯޗުގެ އެވޯޑް މުހައްމަދު ނިޒާމް (ނިޒާމްބެ) ހޯދައިފި އެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި މޯލްޑިވްސް ފުޓްބޯލް ޑޮޓްކޮމް ގުޅިގެން މިރޭ ކުރިއަށްގެންދިޔަ މޯލްޑިވްސް ފުޓްބޯލް އެވޯޑް ނައިޓްގައި ނިޒާމްބެއަށް އެންމެ މޮޅު ކޯޗުގެ އެވޯޑު ހަވާލު ކޮށްދެއްވީ އުރީދޫގެ ސީއީއޯ ވިކްރަމަ ސިންހަ އެވެ.
އެންމެ މޮޅު ކޯޗުގެ އެވޯޑު ހޯދި ނިޒާމްބެއަށް ޓީސީއަށް މުބާރާތެއް ކާމިޔާބުކޮށްދެވިފައި ނުވި ނަމަވެސް، އޭނާ ވަނީ ޓީސީއަށް ދިވެހި ޕްރިމިއާ ލީގާއި، އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕްގެ ދެވަނަ މަގާމު ހޯދައިދީފައެވެ.
ނިޒާމްބެއާ ވާދަކޮށްފައި ވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް މިދިޔަ އަހަރު އިރުޝާދުދިން ކޯޗު އަލީ ސުޒޭން އާއި ކްލަބު އީގަލްސްގެ ކޯޗު އިހުސާން އަބްދުލްޤަނީ (ސާންތި) އެވެ.
ސުޒޭން ވަނީ މާޒިޔާގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ. އަދި ސާންތި ވަނީ އީގަލްސްގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެއްވަނަ ޑިވިޝަންގެ ތަށްޓެއް ހޯދައިދީފައެވެ. އީގަލްސްއަށް އޭނާ ވަނީ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދައިދީ، ދިވެހި ޕްރިމިއާ ލީގުގެ ތިންވަނަ ހޯދައިދީފައެވެ.