އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ވ. ރަކީދޫ ގެއެއްގެ ތެރެއިން ފެނުނު އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލްގެ މަރާ ގުޅިގެން އިހުމާލުވި ކަމަށް ތުހުމަތު ކުރެވޭ ދައުލަތުގެ ފަސް މުވައްޒަފެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

އެ މައްސަލާގައި ދައުވާ އުފުލާފައިވާ ވ. ފުލިދޫ، ނަލަހިޔާ، އާމިނަތު ޝިޔާޒާ އާއި ގދ. ފިޔޯރީ، ބީޗްވިލާ، އަހުމަދު ޝުޒާދަކީ ހާދިސާ ހިނގި އިރު ޖެންޑާ މިނިސްޓްރީގައި މަސައްކަތް ކުރި ދެ މުވައްޒަފުންނެވެ.

ދައުވާ އުފުލާފައިވާ ގއ. ދެއްވަދޫ، ނަސްރީނުގޭ، މުހައްމަދު ރަޝީދު އާއި ފ. ފީއަލި، ގުލްއަލާމާގޭ، މުހައްމަދު ޝަކީބަކީ ޖެންޑާ މިނިސްޓްރީގައި މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ދެ މުވައްޒަފުންނެވެ.

ދެން އެ މައްސަލާގައި ދައުވާ އުފުލާފައި ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ވ. އަތޮޅު އެކްޓިން ކޮމާންޑަރުގެ މަގާމުގައި އޭރު ހުންނެވި ބ. އޭދަފުށީ، މާބަގީޗާގޭ، ލިސާން އަބޫބަކުރުގެ މައްޗަށެވެ.

އެމީހުންގެ ތެރެއިން ލިސާންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނާއި ފުލުހުންގެ ގާނޫނާއި ހަވާލާދީ ކުރީގެ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ރ) ގެ ދަށުންނެވެ.

ޝިޔާޒާ އާއި ޝުޒާދު އާއި ރަޝީދު އާއި ޝަކީބުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނާ ހަވާލާދީ ކުރީގެ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ރ) ގެ ދަށުންނެވެ.

ވ. ފުލިދޫ، ވައިޖެހޭގެއަށް ނިސްބަތްވާ އިބްތިހާލް މަރާލާފައި ވަނީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އެ ކުއްޖާ މަރާލި ކަމަށް އޭނާގެ މަންމަ އާފިޔާ މުހައްމަދު މަނިކު ވަނީ އިއުތިރާފުވެފައެވެ.

އާފިޔާގެ މައްޗަށް ގަސްތުގައި ކުއްޖަކު މަރާލުމުގެ ދައުވާ އުފުލާފައިވާއިރު، އިބްތިހާލަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ދޮންކާފަ، މ. ދިއްގަރު ބަށިމާގޭ، އިސްމާއީލް ރައޫފްގެ މައްޗަށް ވަނީ ދައުވާ އުފުލައިފައެވެ.