ރަތް ކަނޑުގައި އޮންނަ، މިސްރުގެ ދެ ޖަޒީރާ ރަށް ސައުދީ އަރަބިއްޔާއަށް ނުދެވޭނެކަމަށް މިސްރުގެ ދަށު ކޯޓުން ކުރި ހުކުމެއް މިސްރުގެ ސުޕްރިމް އެޑްމިނިސްޓްރޭޓިވް ކޯޓުން ދަމަހައްޓައިފިއެވެ.

ރަތް ކަނޑާއި އަގަބާގެ ކަނޑުއޮޅި ގުޅޭ ސަރަހައްދުގައި އޮންނަ މިސްރުގެ ދެ ޖަޒީރާއެއް ކަމުގައިވާ ޖަޒީރަތު ތީރާން އަދި ޖަޒީރަތު ޞަނާފީރު ސައުދީ އަރަބިއްޔާ އަށް ދިނުމަށް ނިންމީ މިސްރުގެ ސަރުކާރުންނެވެ. އެއީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު 2016 ވަނަ އަހަރުގެ އޭޕްރިލް މަހު މިސްރަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން، މިސްރުގެ ރައީސް އަބްދުލްފައްތާހް އަލް ސީސީ ސައުދީ ރަސްގެފާނަށް ވެވަޑައިގެންނެވި ވައުދެކެވެ.

ދެގައުމުގެ ސަރުކާރުން ހެދި ޑީލަކީ، މިސްރުން އެގައުމުގެ ދެ ރަށަކީ ސައުދީގެ ދެ ރަށް ކަމަށް ނިންމައި، ދެ ޖަޒީރާ ވެސް ސައުދީއަށް ދިނުމުން އޭގެ ބަދަލަށް އެތައް ބިލިޔަން ޑޮލަރެއްގެ އެހީ ސައުދީގެ ފަރާތުން މިސްރަށް ދިނުމެވެ.

ދެ ރަށް އަލުން ސައުދީއަށް "ދިނުމަށް" މިސްރުން ނިންމުމުން އެމައްސަލަ ކޯޓަށް، މިސްރުގެ ބައެއް ގާނޫނީ ވަކީލުން ހުށަހެޅި މައްސަލަ، މިސްރާއި ސައުދީގެ ޑީލާ ދެކޮޅަށް ކޯޓުން ހުކުމްކުރީ އެވެ.

އެ ހުކުމް މިސްރުގެ ސަރުކާރުގެ ފަރާތުން، އެގައުމުގެ ސުޕްރީމް އެޑްމިނިސްޓްރޭޓިވް ކޯޓުގައި އިސްތިއުނާފު ކުރުމުން، މިއަދު އެ ކޯޓުން ވަނީ، ދަށު ކޯޓުން މިދިޔަ އަހަރުގެ ޖޫން މަހު ކުރި ހުކުމް ދަމަހައްޓައިފައެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނީ، ޞަނާފީރު އަދި ތީރާން ޖަޒީރާއަކީ މިސްރުގެ ދެ ޖަޒީރާކަމަށެވެ. އަދި އެ ޖަޒީރާތައް ސައުދީ އަރަބިއްޔާއަށް ދީފައިވާ ކަމާއި، އެ ރަށްރަށުގެ މިލްކުވެރިކަމަށް ސައުދީއިން ދައުވާކުރާ ކުރުމަކީ ބާތިލު ކަމެއް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.

ރަތް ކަނޑުގައި އޮންނަ މިސްރުގެ ޞަނާފީރު އަދި ތީރާން އޮންނަނީ، އަގަބާގެ ކަނޑުއޮޅި ފެށޭ ސަރަހައްދުގައެވެ. އަދި ރަތް ކަނޑުގެ ބަނދަރުމަތީ ދެ ރަށް ކަމުގައިވާ އީލާތު އަދި އަގަބާއަށް ދެވެން އޮންނަ ކަނޑުގެ ދެ މަގުވެސް ކޮންޓްރޯލް ކުރަނީ މި ދެ ރަށުންނެވެ.

މިސްރާއި ސައުދީގެ ޑީލާ ގުޅިގެން، މިސްރުގެ ބައެއް ގާނޫނީ ވަކީލުން އެގައުމުގެ ކޯޓަށް ވެއްދި މައްސަލައިގައި ބުނެފައިވަނީ، މިސްރުގެ ބޯޑަރުތަކަށް ބަދަލު ގެނެވޭނީ އެގައުމުގެ ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން ކަމަށެވެ.

މިސްރުގެ ގާނޫނު އަސާސީގައި އެހެން ބުނެފައި އޮތް ނަމަވެސް، މިސްރުން އެ ދެ ރަށް ސައުދީއަށް ދިނުމަށް ނިންމީ އެފަދަ ކަމެއް ނުކޮށެވެ.

މިސްރުގެ ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އެގައުމުގެ ގިނަ އަދަދެއްގެ ބަޔަކު ދަނީ އުފާ ފާޅުކުރަމުންނެވެ.