މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް ޗުއްޓީގެ ގޮތުގައި 50 ދުވަސް ދޭން ކަނޑައަޅައި އެގޮތަށް ގަވާއިދު އިސްލާހުކޮށްފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނާ ބެހޭ ގަވާއިދަށް ބަދަލު ގެނެސް މިއަދު ގެޒެޓްކޮށްފައިވާ އިރު އެ ގަވާއިދުގެ 90 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ތަނުގެ މަސައްކަތަށް ދަތިނުވާ ގޮތަށް ޖަލު އޮފިސަރުންނާއި ނުވައްޒަފުންނަށް ބަންދު ދުވަސްތައް ހިމެނޭ ގޮތަށް 50 ދުވަސް ޗުއްޓީގެ ގޮތުގައި ދޭން ޖެހޭނެ ކަމަށެވެ.

މީގެ ކުރިން ގަވައިދުގައިވާ ގޮތުން ކަރެކްޝަންސްގެ މުވައްޒަފުންނަށް ބަނދު ދުވަސްތައް ނުހިމެނޭ ގޮތަށް 38 ދުވަހުގެ ޗުއްޓީއެއް ދޭންޖެހެ އެވެ.

އޭގެ އިތުރުން ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނާ ބެހޭ ގަވާއިދުގެ 116 ވަނަ މާއްދާގެ (ށ) އަށް ވެސް ވަނީ މިއަދު ބަދަލު ގެނެސްފަ އެވެ. އެއީ އައިޑެންޓިފިކޭޝަން ކާޑުގެ ފޮޓޯ ނަގާއިރު ބެކްރައުންޑް ހުދުކުލައުގައި ހުންނަން ޖެހޭ ގޮތަށެވެ.

މީގެ ކުރިން ގަވައިދުގައިވާ ގޮތުން އައިޑެންޓިފިކޭޝަން ކާޑުގެ ފޮޓޯ ނަގާއިރު ބެކްރައުންޑް ހުންނަން ޖެހޭނީ ނޫކުލައިގަ އެވެ. އަދި ކަރެކްޝަނުގެ ބެޖް ވޯޓާ މާކެއް ގޮތަށް ބެކްރައުންޑުން ފެންނަން ޖެހޭނެ ކަމަށްވެސް އޭރު ގަވައިދުގައި ބުނެފައިވެ އެވެ.