22 Jun 2011, 18:25
ސިވިލް ސާވީސް މުވައްޒަފުންގެ މުސާރަ އިން ނުދީ ހިފަހައްޓަވާފައިވާ ފައިސާ މިހިނދުން މިހިނދަށް ރައްދު ކޮށްދިނުމަށް އެދި ދިވެހި ސަރުކާރަށާއި ފިނޭންސް މިނިސްޓަރު އަޙުމަދު އިނާޒަށް މޯލްޑިވްސް ސިވިލްސާވަންޓްސް އެސޯސިއޭޝަން އިން ގޮވާލައިފި އެވެ.
ހުސްވި އަހަރުގެ ޖަނަވަރީން ފެށިގެން ހިފެހައްޓާފައިވާ ފައިސާ މިހާރުން މިހާރަށް ދޭން ޖެހޭނެ ކަމަށް ބުނެ ސީއެސްއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭނެކަމުގެ ޔަޤީންކަން ނެތްކަމަށްވާ ނަމަ މަޤަމުން އިސްތިއުފާ ދިނުމަކީ އޭގެ އެންމެ ރިވެތި ގޮތް ކަމަށެވެ.
"ކަމަކާ ޙަވާލުވެވިއްޖެ ނަމަ އެކަމެއްގެ ޙަޤީޤަތް އެނގުމުން، އެކަމަކަށް ތިމާ ކުފޫ ހަމަނުވާކަން ގަބޫލުކޮށް، އަބުރު ސަލާމަތް ކުރުމުގެ ގޮތުން ނަމަވެސް އަވަހަށް އިސްތިޢުފާ ދިނުމަކީ އޭގެ އެންމެ ރިވެތި ގޮތް" ސީއެސްއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.
ސިވިލް ސަވިސް މުވައްޒަފުންގެ މުސާރަ އިން ޤާނޫނާ ޚިލާފަށް އުނިކުރި ބަޔަކީ، އޭގެ ޙައްޤުވެރިންނަށް އަނބުރާ ދޭންޖެހޭނެ ޙައްޤެއް ކަމަށް ބުނެ ސީއެސްއޭގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ދިވެހިރާއްޖޭގެ ކޯޓްތަކުގެ އިންޞާފުވެރި ނިޔާއިން ކަނޑައެޅިގެން އެނގެން އޮތް އިރު، އެކަމަށް ގޮންޖައްސަވަން އަޙްމަދު ޢިނާޒު ކުރައްވަމުން ގެންދަވާ ބޭކާރު މަސައްކަތްޕުޅަކީ، އިންސާފަށް ލޯބިކުރައްވާ ދިވެހި އެންމެހާ ރައްޔިތުންގެ ކުރިމަތީގައި އެމަނިކުފާނުގެ އަގުވެއްޓި، ގިނަ ބައެއްގެ މަލާމާތާއި ފުރައްސާރަ އެމަނިކުފާނަށް ކުރިމަތިވެގެންދާނެ ވަރަށް ދަށުދަރަޖައިގެ ޢަމަލެއް ކަމަށެވެ. އަދި އެބާވަތުގެ ޢަމަލުތަކުން ދުރުހެލިވެވަޑައިގަތުމަށް މިނިސްޓަރު އިނާޒަށް ނަސޭހަތް ތެރިވާކަމަށް ވެސް ސީއެސްއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.
ކުޑަކުރި މުސާރަ ޝީޓް ހަދަން ފިނޭންސަށް ނޭންގޭނެ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް ހައިކޯޓުން ކުރި އަމުރަށް ދޮޅު މަހެއް ވެގެންދިޔަ އިރު ވެސް، މިދިޔަ އަހަރު ސިވިލް ސާވަންޓުންގެ މުސާރަ އިން އުނިކުރި ބައި ދިނުމާ ގުޅޭ ގޮތުން ފިނޭންސުން ވަކި ގޮތެއް ނިންމާފައިނުވާތީ އެކަމާ ގުޅޭ ގޮތުން "ސަން" އިން ކުރިން ދެންނެވި ސުވާލެއްގެ ޖަވާބުގައި ފިނޭންސް މިނިސްޓަރު އިނާޒް ވިދާޅުވީ، ކުރީގައި ހުރި މުސާރަ ދިނުމަށް ކޯޓުން އަމުރު ނުކުރާ ކަމަށެވެ.
"ކޯޓަކުން އަމުރެއް ނުކުރޭ ކުރީގައި އިން މުސާރަ ދޭށެކޭ. [ކޯޓުގެ އަމުރުގައި ވަނީ] މުސާރަ ޝީޓް އެހެންނެއް ނުހެދޭނެޔޭ،" އިނާޒު ވިދާޅުވި އެވެ.