ސްޓެލްކޯއިން އޯޑަރު ދީގެން ގަނެފައިވާ ފޯކް ލިފްޓެއް އެ ކުންފުނިން ނުނެގުމުން ވީ ގެއްލުމުގެ ބަދަލުގައި 40 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގައި ދައުވާކޮށްފި އެވެ.

ސެންޓަ އެންޓަ ޕްރައިސަސްއިން ޓަގްބޯޓެއްގެ މައްސަލާގައި އެމްޕިއެލްއާ ދެކޮޅަށް ބަދަލު ހޯދަން ކުރި ދައުވާއެއް ސާބިތުވެ 160 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ވަނީ އެމްޕީއެލްއަށް އަންގާފައެވެ.

ސްޓެލްކޯއާ ދެކޮޅަށް ސެންޓަ އެންޓަޕްރައިސަސްއިން ކުރި ދައުވާގައި ބުނެފައިވަނީ ސްޓެލްކޯއިން އެފަރާތާ އެކު އެއްބަސްވުމެއްގައި ސޮއިކޮށް ހަ ޓަނުގެ ފޯކް ލިފްޓެއް ސަޕްލައި ކުރުމުން ދައްކަން ޖެހޭ އަގު ސްޓެލްކޯއިން ދައްކާފައި ނުވާ ކަމަށެވެ. އޭގެ އަގަށް 1،292،475 ރުފިޔާ އަރާކަމަށް ދައުވާގައިވެ އެވެ.

އެހެންކަމުން ސަޕްލައިކޮށްދީފައިވާ މުދަލަށް ފައިސާ ދައްކަން ޖެހޭ މުއްދަތަށް ފައިސާ ދައްކާފައި ނުވާތީ މުދަލުގެ އަގާ ގެއްލުމުގެ ބަދަލާއެކު 40 މިލިއަނަށް ވިރެ ގިނަ ރުފިޔާ ނަގައި ދިނުމަށް ސެންޓައެންޓަ ޕްރައިސަސްއިން ވަނީ އެދިފައެވެ.

މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ޖެނުއަރީ ދެވަނަ ދުވަހު އެވެ. އަދި ޑިސްޕިއުޓް ރިސޮލިއުޝަނުން މައްސަލަ ހައްލުނުވުމުން މައްސަލަ ވަނީ ޝަރީއަތަށް ފޮނުވާފައެވެ.