16 Jan 2017, 12:46
ލޯކަލް ކައުންސިލް އިދާރާތަކުން ކުރިން ރޭވިގެން ކުރާ ދަތުރުތަކުގެ ދިގުމިން، ކައުންސިލް ބައްދަލުވުމަކުން ނިންމުމަށް އޮޑިޓަރު ޖެނެރަލް ހަސަން ޒިޔަތު އިލްތިމާސް ކުރައްވައިފި އެވެ.
އޮޑިޓަރު ޖެނެރަލް މިގޮތަށް އިލްތިމާސްކުރެއްވީ، މިއަދު އާންމުކުރެއްވި ގދ. ފިޔޯރީ ކައުންސިލް އިދާރާގެ، 2015 ވަނަ އަހަރުގެެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި، އެ ކައުންސިލްގެ އެސިސްޓަންޓް ޑިރެކްޓަރަކު މާލެއަށް ކުރެއްވި، 42 ދުވަހުގެ ދިގު ދަތުރެއްގެ ވާހަކަ ފާހަގަކުރައްވަމުންނެވެ.
ދައުލަތުގެ މާލިއްޔަތު ގަވައިދުގައިވާ ގޮތުން، ރާއްޖެއާއި ރާއްޖެ އިން ބޭރަށް ކުރާ ދަތުރުތަކުގެ ދަތުރު ރިޕޯޓު، ދަތުރު ނިންމާފައި އަންނަތާ، ސަރުކާރު ބަންދުނޫން ތިން ދުވަސް ތެރޭގައި އޮފީހަށް ހުށަހަޅަން ޖެހެ އެވެ.
ރަށުގެ ކަންކަމާ ގުޅޭ ގޮތުން، ކައުންސިލް އިދާރާގެ ފަރާތުން މިނިސްޓްރީތަކާ ބައްދަލުކުރުމަށް ޓަކައި 2015 އޭޕްރިލް ފަސް ވަނަ ދުވަހު، ކައުންސިލްގެ އެސިސްޓަންޓް ޑިރެކްޓަރު މާލެ ވަޑައިގެންނެވި ކަމަށާއި، އެބޭފުޅާގެ ދަތުރު ރިޕޯޓުވެސް ހުށަހަޅާފައިވާކަން އޮޑިޓަރ ޖެނެރަލް ފާހަގަކުރެއްވި އެވެ. އެހެން ނަމަވެސް ދަތުރުގައި ބައްދަލުކުރި މިނިސްޓްރީތަކާއި އެހެނިހެން އިދާރާތަކުގެ މައުލޫމާތާއި މި ބައްދަލުވުންތައް ކުރިޔަށް ގެންދިއުމަށް 42 ދުވަސް ހޭދަވީ ސަބަބު އެ ރިޕޯޓުގައި ނެތްކަމަށް އޮޑިޓު ރިޕޯޓުގައިވެ އެވެ.
އެ ސަބަބާ ގުޅޭ ގޮތުން ކައުންސިލާ ސުވާލު ކޮށްފައިވާނެ ކަމަށާއި، ސަބަބެއްގެ ގޮތުގައި ކައުންސިލުން ބުނީ، މިނިސްޓަރުންނާއި. އެހެނިހެން އޮފީސްތަކުގެ ބޭފުޅުންނާ ބައްދަލުކުރުމަށް އެޕޮއިންޓްމެންޓް ނުލިބުން ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ.
އެ ރިޕޯޓުގައި ބުނާ ގޮތުން، މި ދަތުރުގައި، ހުރުމުގެ ޚާރަދުގެ ގޮތުގައި 12،600 ރުފިޔާ ހޭދަކޮށްފައިވެ އެވެ.
މި ދަތުރު ކޮށްފައި ވަނީ ކައުންސިލުގެ ބައްދަލުވުމަކުން ނިންމައިގެން ކަމަށް އޮޑިޓު ރިޕޯޓުގައި ފާހަގަކުރި ނަމަވެސް، އޮޑިޓަރ ޖެނެރަލް ވަނީ، މިފަދަ ދަތުރުތަކަށް ކައުންސިލް ބައްދަލުވުމަކުން ދިގުމިނެއް ކަނޑައެޅުމަށްފަހު ދަތުރުކުރުމަށް އިލްތިމާސް ކުރައްވައިފަ އެވެ.
އަދި ދަތުރުގެ ރިޕޯޓު ހުށަހަޅާ އިރު، މާލިއްޔަތު ގަވައިދުގައި ބުނާ ހުރިހާ މައުލޫމާތެއް ފުރިހަމަކުރުމަށް ފަހު ރިޕޯޓު ހުށަހެޅުމަށްވެސް އޮޑިޓަރު ޖެނެރަލް ވަނީ ލަފާ ދެއްވައިފަ އެވެ.