22 Jun 2011, 18:13
ސިޓީ ކައުންސިލްތަކުގެ ކޮންމެ ދާއިރާއަކަށް ދެ މެންބަރުން ކަނޑައެޅުމަށް، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސިޓީ ކައުންސިލްގެ ކޮންމެ ދާއިރާއަކަށް މިހާރު ގާނޫނުން ކަނޑައަޅާފައި ވަނީ އެއް މެންބަރެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ފާސްވެގެންދިޔައީ ހަސަން ލަތީފު މިދިޔަ އަހަރުގެ ޑިސެންބަރު މަހު ހުށަހެޅުއްވި ބިލް އިސްލާހު ކުރުމަށްޓަކައި ހޮއްވެވި ވަގުތީ ކޮމެޓީން ގެންނަވާފައިވާ ބަދަލުތަކާއެކުގަ އެވެ. އެ ބިލް މިއަދުގެ ޖަލްސާއިން ފާސްވެގެންދިޔައީ އިދިކޮޅު މެންބަރުން ދެއްވި ވޯޓާއެކުގަ އެވެ. އެ ބިލް ފާސްކުރަން ފެންނަ ކަމަށް ވޯޓް ދެއްވީ ޖަލްސާއަށް ހާޒިރުވި 72 މެންބަރުގެ ތެރެއިން 36 މެންބަރުގެ ވޯޓުންނެވެ. އަދި އެ ބިލް ފާސްކުރަން ނުފެންނަ ކަމަށް ވޯޓް ދެއްވާފައި ވަނީ 33 މެންބަރުންނެވެ. އަދި ވަކިކޮޅަކަށް ވޯޓް ނުދެއްވާ ތިން މެންބަރަކު އިންނެވި އެވެ.
ވަގުތީ ކޮމެޓީން އިސްލާހުކޮށް މަޖިލީހުން މިއަދު ފާސް ކުރި ބިލުގެ ސަބަބުން ލާމަރުކަޒީ ގާނޫނުގެ މާއްދާތަކަށް 25 އިސްލާހެއް އަންނާނެ އެވެ. އެ ގޮތުން ލާމަރުކަޒީ ގާނޫނުގެ (43) މާއްދާއަށް ގެނައި އިސްލާހުގެ ސަބަބުން ސިޓީ ކައުންސިލްގެ ކޮންމެ އިންތިހާބީ ދާއިރާއަކުން ދެ މެންބަރުން ހޮވަންވާނެ އެވެ. އެ އިސްލާހު މަޖިލީހުން ފާސްކުރުމުން އަދި ރައީސުލްޖުމްހޫރިއްޔާ އެ ބިލް ތަސްތީގު ކުރައްވައިފި ނަމަ، މިހާރު ސިޓީ ކައުންސިލްތަކުގައި ތިބި މެންބަރުންގެ އަދަދު ދެ ގުނަ ވެގެންދާނެ އެވެ. އެ ގޮތުން މާލޭ ސިޓީ ކައުންސިލްގައި ހިމެނޭ 11 މެންބަރުން 22 މެންބަރުންނަށް ބަދަލުވެގެންދާނެ އެވެ. އަދި އައްޑޫ ސިޓީގެ ހަ މެންބަރުން 12 މެންބަރުނަން އިތުރުވެގެންދާނެ އެވެ.
އެ ގާނޫނުގެ (3) މާއްދާގެ (ށ) ގެނައި އިސްލާހުގެ ސަބަބުން ސީޓީ ކައުންސިލްތަކުގެ މީހުން ދިރިއުޅެ ކޮންމެ ރަށެއް ހިންގުމަށްޓަކައި ރަށު ކައުންސިލެއް އަދި އަވަށެއް ހިންގުމަށްޓަކައި ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަންވާނެ ކަމަށް ބުނެފައިވެ އެވެ. އަދި ގާނޫނުގެ (21) ވަނަ މާއްދާއަށް އިސްލާހު ގެނައުމުން ސިޓީ ކައުންސިލްތައް ފިޔަވައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ކޮންމެ ރަށެއް ހިންގާނީ އިންތިހާބުކުރާ ރަށު ކައުންސިލަކުން ކަމަށެވެ. އަވަށެއް ނަމަ ހިންގާނީ އަވަށު ކައުންސިލަކުން ކަމަށް އެ މާއްދާއަށް އިސްލާހު ގެނެސްފައިވެ އެވެ.