ދެހާސް ފަނަރަވަނަ އަހަރު، ގދ. ފިޔޯރީ ކައުންސިލުން ކައުންސިލް މެމްބަރުންނާއި ބައެއް މުވައްޒަފުންނަށް، ބައެއް އިނާޔަތްތަކުގެ ގޮތުގައި ގަވައިދާ ޚިލާފަށް 59،000 އަށް ވުރެ ގިނަ ރުފިޔާ ދީފައިވާކަމަށް އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިއަދު އާންމުކުރި، ގދ. ފިޔޯރީގެ 2015 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި ބުނެފައިވާ ގޮތުން، ފިޔޯރީ ކައުންސިލުން ޖުމްލަ ދެ އެލަވަންސެއް ގަވައިދާ ޚިލާފަށް ދީފައިވެއެވެ.

ފުރަތަމަ ކަމަކަށް އޮޑިޓުގައި ފާހަގަކޮށްފައިވަނީ، ކައުންސިލް މެމްބަރުންނަށް 2015 ވަނަ އަހަރަށް، ކައުންސިލް އިދާރާއިން ފޯނު އެލަވަންސް ދީފައިވާ މައްސަލައެވެ. ދައުލަތުގެ މުވައްޒަފުންނަށް ފޯނު އެލަވަންސް ދިނުމުގައި، ރައްޔިތުންގެ މަޖިލީހުން މުސާރައާ އިނާޔަތްތައް ވަކިގޮތަކަށް ކަނޑައަޅާފައިވާ މަގާމުތަކުގައި ހުންނަ ފަރާތްތައް ނުހިމެނެއެވެ. މިކަން، 2015 ވަނަ އަހަރު ފިނޭންސް މިނިސްޓްރީގެ ސާކިއުލާއެއްގައިވެސް ހާމަކޮށްފައިވެއެވެ. ކައުންސިލަރުންގެ މުސާރައާ އިނާޔަތްތައް ކަނޑައަޅަނީ ރައްޔިތުންގެ މަޖިލީހުންނެވެ.

އެހެން ނަމަވެސް، އެ ސާކިއުލާއާ ޚިލާފަށް، 2015 ވަނަ އަހަރު ފިޔޯރީ ކައުންސިލްގެ މެމްބަރުންނަށް ފޯނު އެލަވަންސްގެ ގޮތުގައި 29،500 ރުފިޔާ ދީފައިވާ ކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ.

މީގެ އިތުރުން، ބަންދު ދުވަހުގެ އެލަވަންސަކީ، އާންމުކޮށް މަސައްކަތް ކުރާ ދުވަހެއްގެ ގޮތުގައި ރަސްމީ ބަންދު ދުވަހެއްގައި މުވައްޒަފުން ލައްވައި މަސައްކަތް ކުރުވައިފިނަމަ، މުސާރައިން އެދުވަހަކަށް ޖެހޭ ބައިގެ ދެބައިކުޅަ އެއްބަޔާ އެއްވަރަށް ދޭންޖެހޭނެ އެލަވަންސެއް ކަމަށް ސިވިލް ސާވިސް ގަވައިދުގައި ބުނެފައި އޮންނަކަން ފާހަގަ ކުރައްވަމުން، އޮޑިޓަރ ޖެނެރަލް ވިދާޅުވީ، އާންމު އުސޫލުން ބަންދު ދުވަސްތަކުގައި ފިޔޯރީ ކައުންސިލްގެ މުވައްޒަފުން މަސައްކަތް ނުކުރި ނަމަވެސް ބަންދު ދުވަހުގެ އެލަވަންސް ދީފައިވާ ކަމަށެވެ.

އެގޮތުން، 2015 ވަނަ އަހަރު މުވައްޒަފުންނަށް ބަންދު ދުވަހުގެ އެލަވަންސްގެ ގޮތުގައި ޖުމްލަ 30،080 ރުފިޔާ ދީފައިވާކަން އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން، ފިޔޯރީ ކައުންސިލުން ކައުންސިލަރުންނާއި މުވައްޒަފުންނަށް އިނާޔަތްތަކުގެ ގޮތުގައި ގަވައިދާ ޚިލާފަށް، 2015 ވަނަ އަހަރު 59،580 ރުފިޔާ ދީފައިވެއެވެ.

އޮޑިޓަރ ޖެނެރަލް މި ދެ މައްސަލަ ވެސް ފާހަގަކުރައްވައި، ލަފާ ދެއްވާފައިވަނީ، ފޯނު އެލަވަންސާއި ބަންދު ދުވަހުގެ އެލަވަންސްގެ ގޮތުގައި އިތުރަށް ދީފައިވާ ފައިސާ އަނބުރާ ހޯދައި، ދައުލަތުގެ މާލިއްޔަތަށް ޖަމާކުރުމަށެވެ.