ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ވަނީ ރާއްޖެއިންބޭރާއި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައިއާއި، ރިސޯޓުތަކާއި، ސިނާއީ މަރުކަޒުތަކާއި އަދި ޖަލުތަކުގައި ގާއިމުކުރެވޭ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނޭ އޮފިޝަލުން ބޭނުންވާ ކަމަށެވެ.

އެކަމަށް ޝަރުތުހަމަވާ މީހުން މި މަހުގެ 28 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިންhttp://forms.elections.gov.mvމިލިންކު މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ހުށަހެޅުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.

އަތޮޅުތެރޭގައިނަމަ އޮންލައިންކޮށް އެޕްލިކޭޝަން ހުށަނޭޅުއްވޭ މީހުން ސިޓީ ކައުންސިލް ތަކާއި ރަށު ކައުންސިލް އިދާރާތައް މެދުވެރިކޮށް ފޯމް ހުށަހެޅޭނެ ކަމަށް އެ ކޮމިޝަންގެ އިއުލާނުގައި ވެއެވެ.

އޮފިޝަލުންގެ ކިބައިގައި ހުންނަންވީ ޝަރުތުތައް ވެސް އެ އިއުލާނުގައި ވަނީ ބަޔާންކޮށްފައެވެ.

ކައުންސިލް އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ ތާރީޚަކީ އަންނަ އޭޕްރީލް މަހުގެ އަށް ވަނަ ދުވަހުއެވެ.

މީގެކުރިން ކައުންސިލް އިންތިޚާބު ޖެނުއަރީ 14 ވަނަ ދުވަހު ބާއްވަން އިއުލާންކުރިނަމަވެސް އިންތިޚާބު ފަސްކުރަންޖެހުނީ ސިވިލް ކޯޓުން އަމުރު ނެރުމާ ގުޅިގެންނެވެ.