16 Jan 2017, 11:58
ނުނިމި ހުރި އިމާރާތެއްގެ ދެ ފްލޯ ކުއްޔަށް ހިފައިގެން ޕީއެސްއެމުން ކުލި ދައްކަމުން ދިޔަ މައްސަލައެއްގައި އޭރު ޕީއެސްއެމްގެ ޕްރޮކިއުމެޓް ޑިޕާޓްމެންޓްގެ ޑިރެކްޓަރު މުހައްމަދު ހާޝިމްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި އެވެ.
އޭސީސީ އަށް ހުށަހެޅި މައްސަލަ ބަލައި މިއަދު އެ ކޮމިޝަނުން އާންމުކުރި ރިޕޯޓުގައި ބުނެފައި ވަނީ ނުނިމި ހުރި އިމާރާތެއްގެ ދެ ފްލޯއަށް މަހަކު 74،000 ރުފިޔާގެ ރޭޓުން ފައިސާ ދައްކަމުން ގޮސްފައި ވަނީ ހަދާފައިވާ އެއްބަސްވުމާ ހިލާފަށް ކަމަށެވެ.
އޭސީސީގެ ރިޕޯޓުގައި ބުނެފައި ވަނީ 2016 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށް ޕީއެސްއެމް އިން އެ އިމާރާތުގެ ކުލި ދީފައި ވަނީ އެ އިމާރާތް ކުއްޔަށް ހިފުމަށް ހަދާފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ނުކުރަނީސް ކަމަށެވެ.
އެތަނުގެ ކުލީގެ ގޮތުގައި މިހާތަނަށް 481،000 ރުފިޔާ ދައްކާފައިވާ ކަމަށާއި އެ ފައިސާ ދައްކާފައި ވަނީ އޭރު ޕީއެސްއެމްގެ ޕްރޮކިއުމެޓް ޑިޕާޓްމެންޓްގެ ޑިރެކްޓަރު ހާޝިމް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކަން އޭސީސީގެ ތަހުގީގަށް ސާބިތުވާ ކަމަށް ވެސް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
އެހެންކަމުން އެއީ ކޮރަޕްޝަން އެކުލެވިގެންވާ މައްސަލައެއް ކަމަށް ކަނޑައަޅައި ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށްވެސް އޭސީސީން ވަނީ ބުނެފަ އެވެ.
އެކަމާ ގުޅިގެން ހާޝިމް 'ސަން' އަށް ވިދާޅުވީ އެކަން ހިނގައި ދިޔަ ގޮތް މިހާރު މާ ރަނގަޅަށް ހަނދާން ނެތް ކަމަށެވެ. މައްސަލާގައި އޭސީސީން ސުވާލު ކުރިކަމަށް ހާޝިމް ވަނީ ވިދާޅުވެފަ އެވެ.