16 Jan 2017, 10:39
އިންޑިއާ ސަރުކާރުގެ ޚާއްސަ ދައުވަތަކަށް، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް)ގެ ޗާންސެލަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.
އައިޔޫއެމްއިން ބުނީ، ޑރ. ޝަހީމް އިއްޔެ ހަވީރު ފެއްޓެވި ދަތުރުފުޅަކީ އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ދަޢުވަތަކަށް، އިންޑިއާ ސަރުކާރުގެ ޚާއްޞަ މެހުމާނެއްގެ ގޮތުގައި ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.
މި މަހުގެ 15 އިން 23ގެ ނިޔަލަށް ޑރ. ޝަހީމް އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅުގައި އަލިގަރ މުސްލިމް ޔުނިވަރސިޓީއާއި ޔުނިވަރސިޓީ އޮފް ދިއްލީ، ޖާމިޢާ މިލިއާ އިސްލާމިއާ ޔުނިވަރސިޓީ، އަދި ޖަވާހަރް ލާލް ނެހްރޫ ޔުނިވަރސިޓީއަށް ޒިޔާރާތްކޮށް މި ޔުނިވަރސިޓީތަކުގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އައިޔޫއެމްއިން މައުލޫމާތު ދެއެވެ.
"މި ޔުނިވަރސިޓީތަކުގައި ތަޢުލީމު ޙާސިލްކުރަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައި،" އައިޔޫއެމްގެ ޗާންސެލަރުގެ އިންޑިއާ ދަތުރުފުޅާ ބެހޭގޮތުން އެ ޔުނިވަރސިޓީން ބުންޏެވެ.
އައިޔޫއެމްއިން ބުނީ، ޑރ. ޝަހީމްގެ މި ދަތުރުފުޅުގައި، އިސްލާމިކް ޔުނިވަރސިޓީއަށް ބޭނުންވާ ހިއުމަން ރިސޯސަސް އަދި އެހެނިހެން ފެންވަރު ރަނގަޅު ވަޞީލަތްތައް ހޯދުމަށްޓަކައި މަޝްވަރާތައް ކުރެވޭނެކަމަށެވެ.